ޚަބަރު ސަރުކާރު

ބަންގްލަދޭޝްގެ ހާލަތު އިތުރަށް ގޯސްވާތީ އަނެއްކާވެސް ސަމާލުވާން އެދިއްޖެ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ފޮރިން މިނިސްޓްރީ ހިންގާ ފަތުހުﷲ ބިލްޑިން/ ފޮޓޯ: ދެން

ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއި އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވާން ސަރުކާރުން އަނެއްކާވެސް އެދިއްޖެ އެވެ.

Ads by Hajj Corporation

ބަންގްލަދޭޝްގެ ސަރުކާރު ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާ ދެކޮޅަށް ދަރިވަރުން ފެށި މުޒާހަރާގައި ހިނގާދިޔަ ކުރިމަތިލުންތަކުގައި މިހާތަނަށް 170 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ހާހަކަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މުޒާހަރާ އާ ގުޅިގެން 10،000 އާ ގާތްކުރާ އަދަދަކަށް މީހުން ހައްޔަރުކޮށްފައިވެ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބަންގްލަދޭޝްގައި މިހާރު ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. މިވަގުތު އެ ގައުމުގެ ޗިޓަގޮންގްގައި ތިބި 83 ދަރިވަރުންނާއި ޑާކާގައި ތިބި ހަތް ދަރިވަރުންނާ އަދި ކޮމިލާގައި ހުރި ދަރިވަރަކަށް ގަވާއިދުން ގުޅައި އެ ކޮމިޝަނުން ދަނީ ހާލު ބަލަމުންނެވެ.

ހައި ކޮމިޝަނާ ހަވާލާދީ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ މި ދަރިވަރުންނާ އެކު، ބަންގްލަދޭޝްގައި މިވަގުތު ތިބި ކަމަށް މައުލޫމާތު ލިބިފައިވާ 119 ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މިވަގުތު ބަންގްލަދޭޝްގައި ބައެއް ވަގުތުތަކުގައި ކާފިއު އިއުލާނު ކޮށްފައިވުމުން، އެ ގައުމުގެ ސަރުކާރުން އިރުޝާދު ދީފައިވާ ގޮތަށް ބޭރަށް ނުކުމެ ނޫޅުމަށާއި ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!