ޚަބަރު ސިޔާސީ

އާ ކައުންސިލަރުންނަށް މޭޔަރުގެ ނަސޭހަތް: މައްސަލަތައް ހައްލުކުރަން އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރަމާ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މޭޔަރު އާޒިމް އެދިވަޑައިގެންނެވި އެކުގައި މަސައްކަތްކުރަން/ ފޮޓޯ: މާލެ ސިޓީ ކައުންސިލުން

ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރަން އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރުމަށް މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުންގެ ކިބައިން މޭޔަރު އާދަމް އާޒިމް އެދިވަޑައިގެންފި އެވެ.

Ads by Sosun Fihaara

މާލޭ ކައުންސިލުގެ ބައި-އިލެކްޝަންގައި އަލަށް އިންތިހާބުކުރި ތިން މެމްބަރުން ހުވާ ކުރުމަށް މިއަދު ހެނދުނު މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ރާއްޖެއަށް ތައާރަފު ކުރެވުނު މަލްޓި ޕާޓީ ޑިމޮކްރަސީން ފެންނަ އެންމެ އުފާވާ ކަމަކީ، ރައްޔިތުންގެ ކަންކަން ނިންމާ މީހުން ކަނޑައެޅުމުގައި ބަސް ބުނުމުގެ ފުރުސަތު ރައްޔިތުންނަށް ލިބުން ކަމަށެވެ.

"ރައްޔިތުން ހެޔޮ ހިތުން އިހުލާސްތެރިކަމާ އެކު އެ ވިދާޅުވީ ތިމަންނަމެންނަށް ހިދުމަތް ކޮށްދިނުމަށްޓަކައި ތިމަންނަމެން ހޮވަން ޖެހޭ ހުރިހާ މެމްބަރުން މިހާރު ތިޔަ ތިއްބެވީ މާލެ ސިޓީ ކައުންސިލަށް ހޮއްވަވައި ދެއްވާފައޭ. އިހުލާސްތެރިކަމާ އެކު ހިދުމަތްކޮށް ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށް ދެއްވާށޭ" އާޒިމް ވިދާޅުވި އެވެ.

ވިދާޅުވީ މަގާމުތަކަށް އިންތިހާބު ކުރެވޭ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ހިތްހަމަޖެހުމަކީ، ތިމަންނާގެ ގާބިލުކަމާއި އިހުލާސްތެރިކަން ގަބޫލުކުރާ، ގިނަ ބަޔަކު ތިބިކަން އިހުސާސްވުމުން ލިބޭ ހިތްހަމަޖެހުން ކަަމަށެވެ. އެކަމުގެ ސަބަބުން އެ ގާބިލުކަމާއި އިހުލާސްތެރިކަން ދެމެހެއްޓުމަށް ގަދައަޅާ މަސައްކަތް ކުރަން ޖެހޭކަން މޭޔަރު ފާހަގަކުރެއްވި އެވެ. ވެރިއަކަށް ލިބިވަޑައިގެންފައި އޮންނަ އިހުތިޔާރުގެ ދަށުން މަގާމަކަށް އައްޔަންކުރައްވާ ބޭފުޅަކަށް، އެ އިހުސާސް ނުކުރެވޭނެ ކަމަށެވެ.

"ތިޔަ މެންބަރުގެ ދާއިރާގެ ރައްޔިތުން ބޭނުންފުޅުވާ ކަންކަން، ދަތިވާ ކަންކަން ދެނެގަނެ، ސިޓީ ކައުންސިލާ ހަމައަށް އެކަންތައް ގެނެސް، މަޝްވަރާކޮށް، އެކަމުގެ ހައްލުތައް ހޯދުމަށް އަޅުގަނޑާ ގުޅިގެން މަސައްކަތް ކޮށްދެއްވުން، ސިޔާސަތުތައް ކަނޑައަޅާ ދެއްވުމުގައި އެހީތެރި ވެދެއްވުން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މާލެ ސިޓީގެ މޭޔަރުގެ މަގާމަށް އިންތިހާބު ކުރެވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް މަސައްކަތް ކުރައްވާފައި ވާނީ އަދި ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރައްވާނީ ވަކި ފިކުރަކަށް ބެލުމެއް ނެތި ރައްޔިތުންގެ ލާބަ އާއި މަންފާއަށް އިހުލާސްތެރި މަސައްކަތެއް ކޮށްދެވޭތޯ ކަމަށެވެ.

މާލޭ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ޓީމެއްގެ ގޮތުގައި އެންމެން ގުޅިގެން މަސައްކަތް ކުރަން މޭޔަރު އެދިވަޑައިގެންނެވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!