ޚަބަރު ސަރުކާރު

އިންޑިއާ ޓޫރިސްޓުން އިތުރުކުރަން އިންފްލުއެންސަރުން ގެންނަން ފަށަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޓޫރިޒަމް މިނިސްޓަރު ފަައިސަލް ވިދާޅުވީ އިންޑިއާ ފަތުރުވެރިން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް

ސަރުކާރުގެ އަމާޒު ހިފާފައި ހުރީ ހުރިހާ ގައުމުތަކާ އެކު ހާރިޖީ ގުޅުން ރަނގަޅުކޮށް ވަކި ގައުމެއް އިސްތިސްނާނުކޮށް ފަތުރުވެރިން ޕްރޮމޯޓްކުރުން ކަމަށާއި، އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރު ކުރުމަށް އެ ގައުމުގެ މަޝްހޫރު އިންފުލެއެންސަރުން ރާއްޖެ ގެނައުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރާއްޖެ ޕްރޮމޯޓްކުރާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާގައި ބޭއްވުމަށް ނިންމާފައިވާ އިންވެސްޓްމެންޓް ފޯރަމް އާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ މި ވަގުތު އެމްއެމްޕީއާރުސީގެ ބަޖެޓު އޮތީ ދަތިކޮށް ކަމަށެވެ.

އެހެން ނަމަވެސް، ސަރުކާރުގެ ބައެއް ކުންފުނިތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި އެކިއެކި ފަރާތްތަކުގެ އެހީތެރިކަމާ އެކު މި އަހަރުގެ ތެރޭގައި އިންޑިއާގައި ފޯރަމް ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ފޯރަމްގެ މައިގަނޑު އެއް އަމާޒަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވެންވާއިރަށް އެ ސަރަހައްދުގައި "ހައި-އެންޑް" ދެތިން ރިސޯޓު ޕްރޮޖެކްޓް ފެށޭވަރުގެ އިންވެސްޓްމަންޓްތަކެއް ހޯދުން ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ "ޓޮޕް ތްރީ މާކެޓް" ގެ ތެރެއަށް އިންޑިއާ މާކެޓް ގެނެވިދާނެ ކަމަށް ވިދާޅުވި ވިދާޅުވުމަށް އިޝާރަތް ކުރައްވާ މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަމަކީ ކުރެވިދާނެ ކަމެއް ކަމުގަ އެވެ. އިންޑިއާ މާކެޓް ދަށްވީ ސަބަބުތަކެއް އެކަމުގައި މެދުވެރިވެގެން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ހުރިހާ ގައުމަކާ އެކު ވެސް ވަރަށް ގާތް އެކުވެރި ގުޅުމެއް ބޭއްވުން ކަމަށެވެ. ކުރިީގެ ރައީސެއްގެ ވިސްނުމާ އެއްގޮތަށް ކުރިއަށް ދިއުމަކީ އަދުގެ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"މިއަދުގެ ސަރުކާރުގެ ވިސްނުމަކީ އިންޑިއާ އާ އެކީގައި ވަަރަށް ގާތް ގުޅުމެއް ބާއްވައިގެން. ޗައިނާގައި އެކީގައި ވެސް ވަރަށް ގާތް ގުޅުމެއް ބޭއްވުން. ދުނިޔެއާ ގުޅިގެން، އެކަހެރިވުމެއް ނޫން އަޅުގަނޑުމެންގެ ވިސްނުމަކީ،" ފައިސަލް ވިދާޅުވި އެވެ.

އެކަމުގެ ސަބަބުން އިންޑިއާގެ މާކެޓް ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ ކަމަށެވެ. އިންޑިއާގައި ބޭއްވި ރޯޑް ޝޯ އާއި ބާއްވަން ނިންމާފައިވާ އިންވެސްޓްމަންޓް ފޯރަމުގެ އިތުރުން އިންފްލުއެންސަރުންނާއި ސެލެބްރިޓީން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވާހަކަ ދައްކާ ސެލެބްރިޓީން ނޫނީ އިންފްލުއެންސަރުންނަކީ 40، 50، 60 މިލިއަން ފޮލޮވަރުން ތިބި މީހުން. މި މީހުން ރާއްޖެ ގެނެވި އެކުރެވޭ މަސައްކަތުގެ ނަތީޖާ ވެސް ދިވެހިރާއްޖޭގެ އިންޑިއަން އެރައިވަލްސްއަށް އިތުރުވުމަށް ކުރާނެ،" ފައިސަލް ވިދާޅުވި އެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރަށް އިޝާރަތް ކުރައްވާ ފައިސަލް ވަނީ އެކަމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އިންޑިއާ އާއި ޗައިނާ ފަދަ ގައުމުތަކަކީ ދެ ސަރުކާރެއްގެ ދެމެދުގައި އޮންނަ ގުޅުމަށް ގިނަ ކަންކަން ބަރޯސާވާ ކަމެއް ކަމަށެވެ. މި ސަރުކާރުން އެ ދެ ގައުމާ އެކު ބާއްވަމުން އަންނަނީ ގާތް ގުޅުމެއް ކަމަށެވެ.

"އަޅުގަނޑުގެ އަމާޒަކީ މި ފަސް އަހަރު ނިމެންވާއިރަށް، އަޅުގަނޑުމެން ބޭނުންވާ ވަަރަށް މަސައްކަތް ކުރެވިއްޖެއްޔާ މިއިން ކޮންމެ މާކެޓަކުން މިލިއަނެއްހާ ފަތުރުވެރިން ގެނައުން. އެ އަމާޒު އަޅުގަނޑު ދެކެން ބޭނުން ވަނީ،" ފައިސަލް ވިދާޅުވި އެވެ.

ވިދާޅުވި ގޮތުގައި އެ ދެ ގައުމުގެ އާބާދީ އަކީ ބޮޑެތި އާބާދީތަކަށް ކަމަށް ވުމުން އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ އެކަމަކީ ނުކުރެވޭވަރުގެ ކަމެއް ނޫން ކަމުގަ އެވެ. އެގޮތަށް ގޮސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ފަސް މިލިއަނަށް އިތުރުކުރުން ކަމުގަ އެވެ. ނުވަތަ އެ ހިސާބަށް ދާން ފަހެއް ނުވަތަ ހަތް އަހަރު ދުވަހުގެ ތެރޭގައި އެ އަދަދު ހަމަކުރަން ކުރަން ޖެހޭ މަސައްކަތްތައް ކުރުން ކަމުގަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!