ޚަބަރު

ދެވަނަ ކުއާޓާގައި އާސަންދައިން 823 މިލިއަން ހަރަދުކުރި!

ޢާއިޝަތު ނުހާ ، ދެން އޮންލައިން
އާސަންދަ ހިދުމަތްދޭ ފާމަސީއެއް/ ފޮޓޯ: މިހާރު

ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭސްފަރުވާގެ ގޮތުގައި މި އަހަރުގެ ދެ ވަނަ ކުއާޓާގައި އާސަންދައިން 823 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

Ads by MWSC

އާސަންދަ ސްކީމްގެ މި އަހަރުގެ ދެވަނަ ކުއާޓާގެ ތަފާސްހިސާބު މިއަދު ހިއްސާކުރަމުން އެ ކުންފުނިން ބުނީ އެ ހަރަދަކީ އޭފްރީލް 1 އިން ޖޫން 30 ނިޔަލަށް ހަރަދުވެފައިވާ މިންވަރު ކަމަށެވެ.

ފާއިތުވި 2023 ވަނަ އަހަރު ދެވަނަ ކުއާޓާގައި އާސަންދައިން ހަރަދުކޮށްފައިވަނީ 738 މިލިއަން ރުފިޔާ ކަމަށްވާއިރު މި އަހަރު ދެވަނަ ކުއާޓާގައި އެ އަދަދު ވަނީ 11.5 އިންސައްތަ އިތުރުވެފަ އެވެ.

މި އަހަރުގެ ދެވަނަ ކުއާޓާގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި އާސަންދައިން ފަރުވާ ހޯދި ބަލި މީހުންގެ އަދަދަކީ 265،059 އެވެ. އަދި އާސަންދަ ސްކީމްގެ ދަށުން 1،232 ފަހަރަށް ބަލިމީހުން އިމަޖެންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ގެންދިޔަ ކަމަށްވެސް އާސަންދައިން ބުންޏެވެ.

އާސަންދައިގެ ތަފާސް ހިސާބުން އެނގޭ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓާގައި 2,807 ބަލިމީހަކު ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވެ އެވެ. އެހެންނަމަވެސް މިދިޔަ އަހަރު ދެ ވަނަ ކުއާޓާގައި ރާއްޖެއިން ބޭރުން އާސަންދަ ސްކީމް މެދުވެރިކޮށް ފަރުވާ ހޯދީ 1,232 ބަލި މީހެކެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާއަށް ބަލާއިރު އާސަންދައިން ފަރުވާ ހޯދީ 276،439 މީހެކެވެ. އަދި އެ ކުއާޓާގައި އާސަންދައިން ހަރަދުކޮށްފައިވަނީ 838 މިލިއަން ރުފިޔާ އެވެ.

އޭގެ ތެރެއިން ފުރަތަމަ ކުއާޓާގައި ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވަނީ 1,691 މީހެކެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާ ގައި އާސަންދަ ސްކީމްގެ ދަށުން 1،599 ފަހަރަށް ބަލި މީހުން އިމަޖެންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ގެންދެވިފައިވެއެވެ. އަދި ފަރުވާއަށް ރާއްޖެއިން ބޭރަށް 1،691 ބަލި މީހުން ވަނީ ފޮނުވިފަ އެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!