ބްރޯޑްކޮމް އަށް ޖަވާބުދާރީ ވާން ޗެނަލް 13 އިން އުޒުރުވެރިވީ ފުލުހުން މައްސަލަ ބަލަމުން ދާތީ
ޗެނަލް 13 ގެ ލައިވް ޕްރޮގްރާމަކަށް ގުޅާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ހަށިކޮޅުގައި އަލިފާން ރޯކޮށްލުމަށް މީހަކު ގޮޮވާލި މައްސަލަ ފުލުހުން ބަލަމުން ދާތީ، މޯލްޑިވްސްބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ޖަވާބުދާރީވާން އެ ޗެނަލުން މިވަގުތަށް އުޒުރުވެރި ވެއްޖެ އެވެ.
ޗެނަލް 13 އިން “ރައްޔިތުންގެ އަޑު” ގެ ނަމުގައި ގެނެސްދިން ލައިވް ޕްރޮގްރާމުގައި ސަރުކާރުން ކަންކަން ކުރަމުން ގެންދާ ގޮތާއި މެދު، ޕްރެޒެންޓަރ ސުވާލުކުރުމުން އެމީހާ ވަނީ ވެރިކަން މިހާރުން މިހާރަށް ނައްތާލާ ރައީސް ގެ ހަށިކޮޅިގައި ހުޅުޖެހުމަށް ގޮވާލާފައެވެ.
އެޕްރޮގްރާމަށް ގުޅައިގެން މިހެން ބުނީ މީހާއަކީ ވިލިފުއްޓަށް ނިސްބަތްވާ 45 އަހަރުގެ މީހެކެވެ. އަދި މީނާ ވަނީ މިހާރު އިތުރު ތަހުގީގަށް ހައްޔަރު ވެސް ކުރެވިފައެވެ.
ފުލުހުންގެ އިތުރުން، ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް މި މައްސަލަ ބަލަމުންގެންދާއިރު، އެ މައްސަލައިގައި އެ ކޮމިޝަންގެ ކުއްލި ބައްދަލުވުމެއް މިދިޔަ ހޮނިހިރު ދުވަހު ވަނީ ބާއްވައިފަ އެވެ.
މިކަމާއި ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް 13 އަށް ވަނީ ލިޔުމުން ޖަވާބުދާރީ ވުމަށް ދެދުވަހުގެ މުހުލަތެއް ދީފައެވެ. މިއަދު ހެނދުނު 9:00 އަށް އެވަގުތު ވަނީ ހަމަވެފައެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފައިވާ ގޮތުގައި ދެދުވަސް ތެރޭ ލިޔުމުން ޖަވާބުދާރީ ނުވާ ކަމުގައި ވާނަމަ ލިބިފައިވާ ހެކިތަކަށް ރިއާޔަތް ކޮށް މައްސަލަ ބަލައި ނިންމާނެ ވަނީ ބުނެފައެވެ.
މިކަމާއި ހުޅިގެން ޗެނަލް 13 ގެ ސީއީއޯ ކަމަށްވާ ސަމާހު މުހައްމަދު “މިހާރު” އާއި ވާހަކަ ދައްކަމުން ބުނީ މިމައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ކުރަމުން އަންނާތީ ބްރޯޑްކޮމްއަށް ޖަވާބުދާރީ ވާން އުޒުރުވެރި ވާ ކަމަށެވެ. އަދި އެކަން އެ ކޮމިޝަނަށް ލިޔުމަކުން އަންގާފައިވާނެ ކަމަށްވެސް ސަމާހު ވަނީ ބުނެފައެވެ.
ފުލުހުން މައްސަލަ ބަލައި ނިމި ބްރޯޑްކޮމްއިން އެ މައްސަލަ ބަލަން ބޭނުންވާ ކަމުގައިވާ ނަމަ އެކަމަށް ވެސް ޗެނަލް 13 ގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެކަން ވެސް ސަމާހު ވަނީ ފާހަގަ ކޮށްފައެވެ.