ރާއްޖެ-އިންޑިއާ ގުޅުން އާ އުސްމިންތަކަކަށް ގެންދާނަން: ރައީސް
ދިވެހިރާއްޖެއާ އިންޑިއާ ދެމެދު ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ހީނަރުވެފައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ދެ ގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދާނެކަމުގެ ޔަގީންކަން ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް 'އެކްސް' ގައި ކުރި ޕޯސްޓުތަކަކާއި ގުޅިގެން ދެ ގައުމުގެ ގުޅުން މި ދޭތެރެއިން ހީނަރުވި އެވެ. އެކަމަކު މިހާރު ގުޅުން ރަނގަޅުވަމުން އަންނައިރު ރަސްމީ 3 ދުވަހުގެ ދަތުރެއްގައި އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު އިއްޔެ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
ޖައިޝަންކަރު މިއަދު ރައީސްއާ ބައްދަލުކުރައްވާފައިވާއިރު އެއަށް ފަހު އިންޑިއާގެ ލޯނު އެހީގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ 28 މަޝްރޫއުއެއް ނިންމާ ހަވާލުކުރުމަށް ރައީސް އޮފީހުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި މުހިންމު ދަނޑިވަޅުގައި ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވުމުން ހާމަވެގެން ދަނީ ދެ ގައުމުގެ ދެމެދު އޮތް ވަރުގަދަ އަދި ތާރީހީ ގުޅުން ބަދަހިވަމުންދާކަން ކަމަށެވެ.
"ދެގައުމުގެ މެދުގައި ގުޅުން ބަދަހިކޮށް، ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް ތައްޔާރަށް ތިއްބެވި ކަމަށްޓަކައި ޝުކުރު ދަންނަވަން" ރައީސް ވިދާޅުވި އެވެ.
އިންޑިއާއިން ރާއްޖެއަށް އެކި ކަންކަމުގައި ފޯރުކޮށްދެމުންދާ އެހީތަކާއި އަދި ލައިން އޮފް ކްރެޑިޓް ފެސިލިޓީތަކަށް ޝުކުރު އަދާކުރައްވަމުން ރައީސް ވިދާޅުވީ އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ ބައިވެރިއެއް ކަމަށެވެ. ދެއްވި ޔަގީންކަމަކީ ރާއްޖެއިން އިންޑިއާއެކު ގުޅުން ދަމަހައްޓާނެ ކަމެވެ.
"ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ކުރިއަށް އޮތް އަހަރުގެ ތެރޭގައި އާ އުސްމިންތަކަކަށް ވާސިލުވުމަށް އަޅުގަނޑުގެ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެކަން އަޅުގަނޑު ކަށަވަރުކުރަން"
ވެރިކަމުގެ ތިން ވަނަ ދައުރަކަށް މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށް އިޝާރާތްކުރައްވާ ރައީސް ވަނީ އެ ދަތުރުގައި އިންޑިއާއިން ބެހެއްޓި އޯގާތެރިކަމާއި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.