ޝަމީމަށް ދިން ހަމަލާގެ ތަހުގީގު އަދިވެސް ނުނިމޭ

ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް މަގުމަތިން ބަޔަކު ދިން ހަމަލާގެ މައްސަލަ އޮތީ އަދިވެސް ތަހުގީގު މަރުހަލާގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައިވަނީ އެ މައްސަލާގެ އެންމެ ފަހުގެ މައުލޫމާތު ހޯދަން "ދެން އޮންލައިން" އިން ކުރި ސުވާލަށް ޖަވާބު ދެމުންނެވެ.
މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ޝަމީމަށް ހަމަލާ ދީފައިވަނީ ދަރިފުޅު ސްކޫލަށް ގެންގޮސް އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭގެ ދޮރުމަތިންނެވެ. މަރުތޭލަކުން ދިން ހަމަލާގައި ޝަމީމްގެ ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދެއްލާފައި ވާތީ އޭޑީކޭ ހޮސްޕިޓަލުން ޕްލާސްޓަރުވެސް އެޅި އެވެ.
މި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 22 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެންނެވެ. އެ މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އެ މައްސަލައަށް 6 މަސް ދުވަސް ވެފައިވާއިރު އެ މައްސަލަ ގޮސްފައިވަނީ ކިހާ ހިސާބަކަށް ތޯ ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ވަނީ ސުވާލުކުރައްވާފަ އެވެ.
ޝަމީމަށް ހަމަލާ ދިން ހާދިސާއަށްފަހު އޭނާގެ ސެކިއުރިޓީ ކަންކަން އެމްއެންޑީއެފުން ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.