ޚަބަރު

ބްރިޖް ސައިޓަކަށް ގުޅީފަޅު ބޭނުންކުރާތީ ގޯތި ހަވާކުކުރެވޭނެ ތާރީހެއް ނޭނގެ: މިނިސްޓަރު 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ހައުސިން މިނިސްޓަރު ހައިދަރު މިއަދުގެ މަޖިލީސް ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހުކޮޅު ހިންގި ''ބިންވެރިޔާ" ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތިތައް ހަވާލުކުރެވޭނެ ތާރީހެއް ނޭނގެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރައްވާ ސުވާލަކަށް ޖަވާބު ދެއްވުމަށް މިނިސްޓަރު ހައިދަރު ވަނީ މިއަދުގެ ޖަލްސާއަށް ވަޑައިގެންފަ އެވެ.

ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް އިން ވަކިކޮށް ބިން ހަވާލުކުރަން ފެށޭނީ ކޮން ދުވަހަކުންތޯ ކުޑޫ ސުވާލުކުރެއްވި އެވެ.

ކުޑޫގެ ސުވާލުގެ ޖަވާބުގައި ހައިދަރު ވިދާޅުވީ ބޯހިޔާވަހިކަމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންގެންދާ މަސައްކަތެއް ކަމަށެވެ. އަދި ގުޅީފަޅުން އެއްކޮށް ބިން ހިއްކިފައި ނުވާ ކަމަށާއި އެތަނަކީ މި ވަގުތު ބްރިޖްގެ މަސައްކަތަށް ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ތަނެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގުޅީފަޅު ހުސްކުރެވޭނީ ގާތްގަނޑަކަށް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބްރިޖްގެ މަސައްކަތްތައް އެތަނުގައި ކުރަމުންދާއިރު އެތަނުގައި ހެވީ ވެހިކަލްތައް ދުއްވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުރިން ދޫކޮށްފައި ހުރި ގޯތިތަކުގެ "ކަން މުޑިތައް" ވެސް އެއްކޮށް ހަލާވެފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ގުޅީފަޅުން ބިން ހަވާލުކުރުމުގައި ބަލަންޖެހޭ އެހެން ކަންތައްތަކެއްވެސް ހުރިކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ސަރުކާރާ ހަވާލުވީއިރުގައި ބިން ދީފައިވަނީ އެތަނުގައި ދިރިއުޅެން އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށެވެ.

ހައިދަރު ވިދާޅުވީ އުމްރާނީ އަދި ރައްޔިތުންނަށް ތަކުލީފުނުވާނެ ފަދަ ގޮތަކަށް އިގްތިސޯދީ ވަސީލަތްތަކާއެކީ އެތަން ތަރައްގީކުރުމަށް ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށެވެ. އަދި އެ ބަދަލުތައް ގެނެސްފައިވާނީ ގުޅީފަޅުގެ ކޮމިއުނިޓީއާ ބައްދަލުކޮށްގެން ކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ގުޅީފަޅަށް ބަދަލުކުރަން ޖެހޭ ގިރާވަރުފަޅު މީހުން ބަދަލުކުރުމުގެ މަސައްކަތް ވެސް ކޮށް ނިމިފައިވާ ކަމަށެވެ.

ގުޅީފަޅުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބު ވިދާޅުވި ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!