ޚަބަރު

މި މަޖިލީހުން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ނުދޭނެކަން ޔަގީންވެއްޖެ: އެމްޑީޕީ ޕީޖީ

އަލީ ސަމާޙް ، ދެން އޮންލައިން
އެމްޑީޕީގެ ޕީޖީން ބޭއްވި ޕްރެސް ބްރީފިންގެ ތެރެއިން/ ފޮޓޯ: މަޖިލީސް

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 4 މެންބަރުންގެ ނަން އިއްވުމުން ޔަގީންވިކަމަކީ މަޖިލީހުގެ ރިޔާސަތުން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދޭން ބޭނުންނުވާކަން ކަމަށް ބުނެ އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

Ads by Hajj Corporation

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ދޫކުރި 4000 ފްލެޓާއި ގޯއްޗާއި ގުޅޭ ގޮތުން ހައުސިން، ލޭންޑް އެންޑް އާބަން ޑިވޮލޮޕްމެންޓް މިނިސްޓަރު ޑރ އަލީ ހައިދަރު ދެއްވި ޖަވާބުތަކާ މެދު ހިތްހަމަ ނުޖެހިގެން މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މެންބަރުން އިހުތިޖާޖުކުރި އެވެ. ޖަލްސާ ހޫނުވެ އެމްޑީޕީގެ 4 މެންބަރުންގެ ނަން ރިޔާސަތުން ވަނީ އިއްވާފަ އެވެ.

ހައިދަރުގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ޕީޖީ ގްރޫޕުން މަޖިލީހުގެ އިދާރާގައި ބޭއްވި ޕްރެސް ބްރީފިން އެއްގައި ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ އޭނާވެސް ހިމެނިވަޑައިގަންނަވާހެން ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް އަބްދުﷲ، އެމްޑީޕީގެ މެންބަރުންގެ ނަން އިއްވާ ތަޅުމުން ބޭރު ކުރުމަކީ އެކަން ކޮށްގެންވާނެ ގޮތް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. ވިދާޅުވީ އެއިން ދޭހަވަނީ ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށެވެ.

"ރިޔާސަތުން އެކަންތައް ކުރި ގޮތުން އަޅުގަނޑުމެންނަށް ޔަގީން ކަށަވަރު ކުރެވޭ މި މަޖިލީހުގެ ސުޕަމްޖޯރިޓީއާ އެކީގައި ޕީއެންސީގެ މެންބަރުންނާއި ޕީއެންސީގެ މަޖިލީހުގެ ބާރުވެރިކަމާ އެކީގައި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްނުދޭނެކަން ވަރަށް ސާފު" ނާޒިލް ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގައި ގޯތިތައް ދޫކޮށްފައިވަނީ ކަނޑުން ކަމަށް ވިދާޅުވެ ހައިދަރު ދެއްކެވި ވާހަކަ އަށް އިޝާރަތްކޮށް ނާޒިލް ވިދާޅުވި ހައިދަރު ދެއްކެވީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

" ... ވަރަށް ތިލަ ފަޅެއް ފަޅު ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއް މަސައްކަތްކުރަމުން އޭރު އެމްޑީޕީގެ ސަރުކާރު ނިމެމުންދިޔައިރު އޮތީ" ނާޒިލް ވިދާޅުވީ ޑރ މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ހިސާބުން އޭސީސީ މެދުވެރިކޮށް ގޯތި/ފްލެޓު ދިނުން ހުއްޓާލަން އޭރު ވެރިކަމުގައި އޮތް އެމްޑީޕީއަށް އަންގަމުން ދިޔަ ކަމަށެވެ.

މި ސަރުކާރަށް އަހަރެއް ވެގެންދާއިރުވެސް އެއްވެސް ނަތިއްޖާ އެއް ނެރެވިފައި ނުވާ ކަމަށާއި، 4000 ފްލެޓަށް ކުރިމަތިލާން އަލުން ހުޅުވާލަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ. ނާޒިލް ވިދާޅުވީ އެއީ ތެދަކަށްވާނަމަ އެކަން ވެގެންދާނީ ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް މި ސަރުކާރުން ވަރަށް އިހާނެތިކޮށްކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ.

އެކަމަކު ފްލެޓް ހަވާލުކުރާނީ ކުރީ ސަރުކާރުން އާއްމުކުރި ލިސްޓު މުރާޖާއަ ކުރުމަށް ފަހު ކަމަށް މީގެ ކުރިން ހައިދަރު ވިދާޅުވެފައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!