ޚަބަރު ރައްޔިތުންގެ މަޖިލިސް

ޕްރައިވެޓް ހޮސްޕިޓަލުތަކަށް އާސަންދައިން ޕެކޭޖު އަގުތަކެއް ތައާރަފްކުރަނީ 

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އަދި އާސަންދަ ކުންފުނީގެ ބޭފުޅުން

ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލުތަކުން ފޯރުކޮށްދެމުން އަންނަ ސިއްހީ ހިދުމަތްތަކުގެ އަގުބޮޑު ކަމަށާއި މައްސަލައިގެ ހައްލެއް ކަމުގައި ދެކެނީ ޕެކޭޖް ހަދައިގެން އޭގެ ތެރެއިން އާސަންދަ ދިނުން ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާއީ ކޮމިޓީގައި އެ ކޮމިޓީގެ މުގައްރިރު އަދި މާފަންނު މެދު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަސްމާ ރަޝީދު މިއަދު ވިދާޅުވީ ޕްރައިވެޓް ހޮސްޕިޓަލްތަކުން ހިތުހުރި އަގެއް ބިލު ކުރަމުން އަންނަ ކަމަށެވެ. އެކަން ރިވައިސް ކުރުމަށް އެއްވެސް މަސައްކަތެއް ކުރަމުން ދޭތޯ މެމްބަރު ވަނީ ސުވާލު ކުރައްވާފަ އެވެ.

ސުވާލުގެ ޖަވާބުގައި ޒީނިޔާ ވިދާޅުވީ އެކަމާ ގުޅުންހުރި ކަންބޮޑުވުންތައް މިދިޔަ ހަފުތާގައި ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ވެސް ގުޅުއްވައި ހިއްސާކުރެއްވި ކަމަށެވެ. މިނިސްޓަރުގެ ލަފަޔާ އެކު އެކަމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ޕްރައިވެޓް ސެކްޓާގައި ބޮޑުކޮށް މިހުރީ ދެ ހޮސްޕިޓަލެއް، ޓްރީ ޓޮޕާއި އޭޑީކޭ. ފުދޭވަރަކަށް އަގުބޮޑު އެ ތަންތަނުން. އަޅުގަނޑުމެންނަށް ދީފައިވާ ޕްރޮސީޖާ ކޯސްޓަކީ އެހާ ބޮޑު ކޯސްޓެއް ނޫން. އެކަމަކު ލައިން އައިޓަމުން ފައިނަލް ބިލު އަންނައިރު، ފައިނަލް ބިލު ބޮޑުވެގެން ދަނީ،" ޒީނިޔާ ވިދާޅުވި އެވެ.

ޕްރައިވެޓް ހޮސްޕިޓަލުތަކުން ފަރުވާ ހޯދަން މީހުން ދަނީ ސަރުކާރުން ހިންގާ އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ކިއު ދިގުވުމުން ޑޮކްޓަރަށް ދެއްކޭނެ ފަސޭހަ އިންތިޒާމެއް ނެތުމުންނެވެ.

އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މި ދަނީ ޕެކޭޖް ޕްރައިސްތައް ހަދަން. ޕެކޭޖް ޕްރައިސް ހަދާފައި އަޅުގަނޑުމެންނަށް އެއްބަސްވާ އަގަކަށް ނޫނީ އެ މީހުންނަށް އެކަން ނުވާ ގޮތަށް،" ޒީނިޔާ ވިދާޅުވި އެވެ.

"ޕެކޭޖް ޕްރައިސް" އަށް އެއްބަސްނުވާ ނަމަ އެ ހިދުމަތް ނުލިބޭނެ ކަމަށް ބުނާއިރު، އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލް ވަރަށް ބޮޑަށް ރަނގަޅުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ގިނަ މީހުން ރަށްރަށުން މާލެއަށް އަންނަނީ ޑޮކްޓަރަށް ދައްކާފައި އަވަހަށް ދިއުމަށް ނަމަވެސް އެ ހޮސްޕިޓަލުތަކުގެ ކިއު ދިގުވުމާ ގުޅިގެން އެކަމުގައި ތަކުލީފު އުފުލަން ޖެހޭ ކަމަށެވެ. ތައަރާފްކުރާ ޕެކޭޖްއާ ގުޅޭ މައުލޫމާތެއް ކޮމިޓީގައި ހިއްސާއެއް ނުކުރެ އެވެ.

ޒީނިއާ ވިދާޅުވީ ބައިވަރު ލޫޕްހޯލްސްތަކެއް އެބަހުރި ކަމަށާއި ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!