ޚަބަރު

ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ކުންފުނިތަކުގެ މުވައްޒަފުން ވަކިކުރަން މަޖިލީހުން ލަފާ ދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: މަޖިލީސް

ކޮރަޕްޝަންގެ މައްސަލަތަކުގައި ހިމެނޭ ސަރުކާރު ކުންފުނިތަކުގެ މުވައްޒިފުން ވަކިކުރެވޭ ގޮތަށް ކުންފުނިތަކުގެ ހިއުމަން ރިސޯސް އޮނިގަނޑަށް ބަދަލު ގެންނަން ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.

Ads by STELCO

މިއަދު ކުރިއަށް ދިޔަ މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް, ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ހުށަހެޅުއްވީ ސަރުކާރުގެ ކުންފުނިތަކުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމަށް އޭސީސީއަށް 'ފްލެގްވާ' ފަރާތްތައް ވަޒީފާއިން އެކަހެރި ކުރުމަށް ކުންފުނިތަކުގެ އޮނިގަނޑު ބަދަލު ކުރުމަށެވެ.

މި އިސްލާހު މަޖިލިސް ތަޅުމަށް ފޮނުވައިގެން, ސަރުކާރަށް ލަފާދޭން ހުށަހެޅި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ, ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އެވެ.

"އޭސީސީން ކޮރަޕްޝަން ހިމެނޭ ކަމަށް ފާހަގަކޮށްފައިވާ މިގޮތަށް ފޮނުވާ ރިކޮމެންޑޭޝަންތަކުގައި ޝާމިލްވާ މުވައްޒިފުން ކުންފުނީގެ ވަޒީފާއިން އެކަހެރި ކުރެވޭނެ ގޮތަކަށް ކުންފުނީގެ އެޗްއާރު ޕޮލިސީ ބަދަލުކުރަން އެބަޖެހޭ, މަޖިލީހުން ފާސްކޮށްފައި ލަފައެއް ދޭން ސަރުކާރަށް" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, ސަރުކާރުގެ ކުންފުންޏަކުން މިހާރު ވެސް 7 މިލިޔަން ޑޮލަރުގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވެފައިވާ ކަމަށާއި, އެފަދަ ކަންކަމަކީ ހަމައެކަނި ވަކި ފަރުދަކަަށް ކުރެވޭނެ ވަރުގެ ކަންކަން ނޫން ކަމެވެ.

"މެނޭޖިން ޑިރެކްޓަރަށް އެކަނި ނުކުރެވޭނެ, އެކަމަކު މިހާރު ވެސް ކުންފުނީގައި އެބަތިބި އެ މައްސަލައިގައި ޝާމިލްވާ އެންމެން, އެމްޑީ އެކަނި ބަދަލުވީ" ނާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބް ރައީސް ވިދާޅުވީ އެފަދަ މައްސަލަތަކުގައި ކޮރަޕްޝަންގެ އަމަލެއްގައި ޝާމިލްވާ މީހަކު އެކަމެއް ސާބިތުވަންދެން, ނުވަތަ މައްސަލަ ނިމެންދެން ބެހެއްޓުމަކީ އިތުރަށް ކޮރަޕްޝަން ހިނގުމަށް މަގުފަހިވާ ކަމެއް ކަމަށެވެ. އެފަދަ މުވައްޒިފުންނާމެދު އަވަސް ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!