ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ އިފުތިތާހު ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އަސްވާޑް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޒުވާނުންނަށް ހާއްސަކޮށް މިނިސްޓްރީއެއް އުފައްދަވައި ސަރުކާރުން ކުރާ ކަންކަމުގައި ޒުވާނުންގެ ބަސް ހިމެނޭނެ މަގުފަހިކޮށްދެއްވާފައިވާ ކަމަށެވެ.
މީގެ ކުރިން ވެސް ޒުވާނުންގެ ބޯޑުތައް އޮންނަ ނަމަވެސް ރައީސްއަށް ލަފާދޭ ޒުވާނުންގެ ހާއްސަ ބޯޑެއް އުފެދުނު މިއީ ފުރަތަަމަ ފަހަރުކަން ފާހަގަކުރެއްވި އެވެ.
"ދިވެހި ޒުވާނުންނަށް ބަސް ނުބުނެވޭނެ އެއްވެސް ކަމެއް ދިވެހި އުދަރެހުގައި ނޯންނާނެ. ނެތް،" އަސްވާޑް ވިދާޅުވި އެވެ.
ހުރިހާ ދާއިރާތަކަކާ ވެސް ޒުވާނުންނާ ގުޅުން އޮންނަކަން ފާހަގަކުރައްވާ ވިދާޅުވި ގޮތުގައި ބޯޑަށް ގުޅުންހުރި ހުރިހާ ކަމެއްގައި ރައީސްއަށް ލަފާ އެރުވޭނެ ކަމަށެވެ. ޒުވާނުންނާ ނުވަތަ ގައުމުގެ މުސްތަގުބަލާ ގުޅޭގޮތުން ރައީސް ދައްކަވާ ވާހަކަފުޅުތަކަށް ޒުވާނުންގެ ބޯޑަށް ބަސް ބުނެވޭނެ ކަމަށެވެ.
ޒުވާނުންގެ ބޯޑާ އެކު އުފަންވަނީ އާ ޖީލެއް ކަމަށެވެ. އެއީ ގައުމުގެ ކަންކަމުގައި އިސްކޮށް ތިބޭނެ ލީޑަރުން ކަމަށެވެ. މި ލީޑަރުންގެ ފަރާތުން އިތުރު ޒުވާނުންތަކެއް ތަމްރީނުވެ ޒުވާން ރަނގަޅު ޖީލެއް އުފެދޭނެ ކަމަށެވެ.
ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ މަގުސަދަކީ ސަރުކާރުގެ މެނިފެސްޓޯ އާއި މުހިންމު ސިޔާސަތުތައް ތަންފީޒު ކުރުމުގައި ޒުވާނުންގެ ހިޔާލާ މަޝްވަރާ ހޯދުމެވެ. ކަންކަމުގައި ކުރިއަށްދާންވީ ގޮތްތަކާ ގުޅޭގޮތުން ރައީސްއަށް ލަފާ އެރުވުމެވެ. ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަތުމެވެ. އެ ކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގައުމީ ފެންވަރުގަ އާއި ސަރަހައްދީ ފެންވަރުގައި ހައްލު ހޯދުމަށް މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ރައީސްއަށް ލަފާ އެރުވުމެވެ.
"ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަސް" ބޯޑު އެކުލަވާލައްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ. މި ބޯޑުގައި ތިބޭނީ 15 މެމްބަރުންނެވެ. ގިނަ ޒުވާނުންނަށް ބޯޑުގައި ބައިވެރިވުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ރިޔާސީ ދައުރެއްގައި ދެ ފަހަރު ބޯޑު އެކުލަވާލަން ވަނީ ނިންމާފަ އެވެ.