ފޮރިން އިންވެސްޓްމެންޓް ބިލާމެދު އެމްޑީޕީ މެންބަރުންގެ ކަންބޮޑުވުން

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ބަހުސްކުރަމުންދާ ފޮރިން އިންވެސްޓްމެންޓް ބިލާމެދު އެމްޑީޕީގެ މެންބަރުންގެ ކަންބޮޑުވުންތަކެއް މިއަދު ފާޅުކުރައްވައިފި އެވެ.
މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގެވެ.
އެބިލަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ބިލަކަށްވާއިރު، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ އެ ބިލް 20 ވަނަ މަޖިލީހަށް ހުށަހަޅާފައިވަނީ ބައެއް ކަހަލަ މުހިއްމު ކަންތައްތައް އުނިކުރުމަށްފަހު ކަމަށެވެ.
އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން ފާހަގަކުރައްވަމުން ކުޑޫ ވިދާޅުވީ ފޮރިން ކޮންޓްރެކްޓަރުން ރާއްޖޭގައި މަސައްކަތްކުރަން އެމްޑީޕީން އެ ބިލުގައި ކަނޑައަޅާފައިވާ ގާނޫނީ އޮނިގަނޑު އެއްކޮށް އުނިކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެކަން އޮތީ އެ ވަގުތަކު ހުންނަ ވަޒީރަކަށް ބާރު ފޯރުވޭ ގޮތަށް ކަމަށް މެންބަރު ވިދާޅުވި އެވެެ.
ބިލުގެ ތައާރަފްގައި އިންވެސްޓްމަންޓްތައް ދައުލަތަށް ނެގޭ ވާހަކަ އޮތުމުން ކަންބޮޑުވުން ފާޅުކުރައްވާ މެންބަރު ވިދާޅުވީ އެ ދެވެނީ 'ނެގެޓިވް' މެސެޖެއް ކަމަށެވެ.
"ބިލުގެ (1) ވަނަ މާއްދާގެ (ހ) ގައި ބިލުގެ ތައާރަފުގައި ބަޔާންކުރާ ބައިގާ އެބަ އޮތް އިންވެސްޓްމަންޓްތައް ދައުލަތަށް ނެގުމުގެ ވާހަކަ. މިއީ ކޮންމެހެން ތައާރަފުގައި އޮންނަން ޖެހޭ ވާހަކައެއްތޯ މިކަމުގެ ސަބަބުން ގާނޫނު ކިޔަން ފަށާއިރުވެސް މިކަމުގައި އިންވެސްޓަރުންނަށް މިދެވެނީ ނެގެޓިވް މެސެޖެއް"އޭނާ ވިދާޅުވީ އެ ބިލު ގާނޫނަކަށްވުމުން ބޭރުގެ އިންވެސްޓަރުންނާއި އެ ފަރާތްތަކުގެ ވަކީލުން ކޮންސަލްޓަންޓުން ވެސް ގާނޫނީ އިނގިރޭސި ތަރުޖަމާ ކިޔާނެ ކަމަށެވެ. އަދި ގާނޫނު ފައްޓަމުން އެކަހަލަ ވާހަކަތައް ލިޔެފައި އޮތުމުން މުޅި މަގުސަދާ ހިލާފުވާ ކަމަށް ކުޑޫ ވިދާޅުވި އެވެ. އެހެންވެ ކޮމިޓީ މަރުހަލާގައ އެ ބައި އުނިކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ގާނޫނު ގެނައުމުގެ އެންމެ މުހިއްމު މަގުސަދު ގާނޫނުގައި ސާފުކޮށްފައި ބަޔާންކޮށްފައި ނެތްކަންވެސް ފާހަގަކުރެއްވި އެވެ. އިންވެސްޓަރުންގެ ހިމާޔަތާއި ރައްކާތެރިކަމުގެ ބައި ހިމަނާފައި ވަނީ ފިޔަވަޅު އަޅާ ވާހަކަ ހިމަނާފައިވާ މާއްދާގައި ކަމުން މެންބަރު ވިދާޅުވީ ހިމާޔަތާއި ރައްކާތެރިކަމުގެ ބައި ވަކި މާއްދާއެއްގައި ބަޔާންކުރާނެ ކަމަށް ދެކޭ ކަމަށެވެ.
"މިއީ ވަރަށް މަރުހަބާ ކިޔާނެ ފަދަ ގާނޫނަކަށް ވާން ޖެހޭ ފޮރިން އިންވެސްޓަރުންނަށް ރާއްޖޭގައި"ބިލުގެ ބަހުސްގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް އޮތް އޮތުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި ހާއްސަ ގޮތެއްގައި ދިވެހިރާއްޖޭގައި 100 ޕަސެންޓް ކުރެވިގެން ބިން ދާ ގޮތަށް އޮތުމަކީ ގާނޫނު އަސާސީއާ ވެސް ހިލާފު ކަމެއް ކަމަށް މައުރޫފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފޮރިން އިންވެސްޓްމެންޓް ދާއިރާތައް ކަނޑައަޅާ ގޮތާ މެދު ބިލުގައި މާ ބޮޑު ތަފްސީލެއް ބަޔާންކޮށްފައި ނެތުން ކަމަށާއި އެ ދާއިރާތައް ކަނޑައެޅުމުގައި ތަފްސީލު ބިލުގައި ހިމެނުން މުހިއްމު ކަމަށެވެ. އެ ގާނޫނުން ކަނޑައަޅާ ހައްގުތައް އެހެން ގާނޫނަކުން ހަނިކުރެވޭ ގޮތަށް އޮތުމާ މެދު މަޓޭ ކަންބޮޑުވުން ފާޅުކުރި އެވެ. އަދި އޭގެ ސަބަބުން ފޮރިން އިންވެސްޓްމެންޓްތައް މި ގާނޫނުގެ ތެރެއަށް އަންނަ ޖެހިލުންވާނެ ކަމަށް މަޓޭ ވިދާޅުވި އެވެ. އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ 100 ޕަސެންޓް ފޮރިން އިންވެސްޓްމެންޓަކަށްވާ ހިސާބުން ރާއްޖޭގެ ބިމަށް ވާ ގޮތާއި ބިމާ ދޭތެރޭގައި ވާ ގޮތް ތަފްސީލުކޮށް ނެތް ކަމަށެވެ. ބިލް ތައާރަފްކުރުމުގައިވެސް ފޮރިން އިންވެސްޓަރުން ކަންބޮޑުވާނެ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާ ނާޒިލް ވިދާޅުވީ އިންވެސްޓްމެންޓްތައް ދައުލަތަށް ނެގޭ ވާހަކަ ބިލުގެ ތައާރަފްގައި އޮތުމަކީ މުޅި ބިލުގެ މަގުސަދު އޮޅޭ ކަމެއް ކަމަށެވެ. ނާޒިލް ވިދާޅުވީ އެކަމުގެ ސަބަބުން ފޮރިން އިންވެސްޓަރުން ދެކޭ ގޮތް ތަފާތުވެގެންދާނެ ކަމަށާއި އެކަމަށް ކޮމިޓީ މަރުހަލާފައި ރިއާޔަތްކޮށް ބަދަލުތަކެއް ގެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"ފުރިހަމަ ބިލެއްގެ ގޮތުގައި ކޮމިޓީ މަރުހަލާ ނިމި މަޖިލީހަށް އަންނާނެ ކަމަށް އުންމީދުކުރަން"އެ ބިލުގެ ބަހުސްގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވީ އެ ބިލަކީ ރަނގަޅު ބިލެއް ކަމަށެވެ.
"މި ބިލަކީ ރަނގަޅު ބިލެކޭ މީގައި އެބަ ހުރި ވިސްނާލަން މުހިއްމު ކަންކަން އެއީ"އަމީން ވިދާޅުވީ އެ ބިލުގައި އިންވެސްޓްމަންޓަކީ ގައުމީ މަސްލަހަތާ ތައާރުޒުނުވާ ނުވަތަ މަސްލަހަތު ކުރި އަރުވާ އިންވެސްޓްމެންޓެއްތޯ ބެލުމުގައި އިންވެސްޓްމަންޓުން ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް މިންވަރު ބެލުމަށް އޮތް ކަމަށެވެ. އެކަން މާނަކުރާނީ ސިޔާސީ ޕާޓީތަކުން އެކި ފަހަރު އެކި ގޮތަށް ކަމަށް އަމީން ވިދާޅުވި އެވެ. ފޮރިން އިންވެސްޓްމެންޓުގެ ބިލަށް ބަހުސްކޮށް ނިންމައި އެ ބިލު މިހާރު ވަނީ ހާރިޖީ ކޮމީޓީއަށް ފޮނުވާފަ އެވެ.





ކޮމެންޓް