ޚަބަރު

ލޭނުގައި ޖެހި މަރުވާ މިޔަރު ހިފޭ ގޮތަށް ލޭނުގެ މަސްވެރިކަމަށް ހުއްދަދެނީ 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ސިމްޕޯސިއަމް ޝަރަފުވެރި ކޮށްދެއްވާނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް/ ފޮޓޯ: ފިޝަރީޒް

ލޭނުގައި ޖެހި މަރުވާ މިޔަރު ހިފޭ ގޮތަށް ލޭނުގެ މަސްވެރިކަމަށް ހުއްދަދިނުމަށް ފިޝަރީޒް މިނިސްޓްރީން ގަވާއިދެއް އެކުލަވާލައިފި މިއަދު އާއްމުކޮށްފި އެވެ.

Ads by MWSC

ކަނޑުގެ ވެށީގެ ދިރުންތަކަށް ގެއްލުން ކުޑަ, ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ލޭނު އަޅައިގެން މަސްވެރިކަންކުރުމަށް މަގުފަހިކޮށްދިނުމަށް ލޭނު މަސްވެރިކަން ރާއްޖޭގައި އަލުން ހުޅުވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމާ, އެކުލަވާލި ގަވާއިދަށް ހިޔާލު ހުށަހަޅަން ހުޅުވާލާފައިވެ އެވެ.

އެގޮތުން ހިޔާލު ހުށަހަޅަން ހުޅުވާލާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.

ލޭނުގެ މަސްވެރިކަމަށް ހުއްދަ ދޫކުރަނީ ލޯބޮޑު ކަންނެލި, ރީނދޫ އުރަހަ ކަންނެލި އަދި ހިބަރު ހިފުމަށެވެ. އެގޮތުން ލޭނުގެ މަސްވެރިކަމުގެ ލައިސަންސް ދޫކުރަނީ 10,000 ރުފިޔާގެ ފީއަކާ އެކު ކަމަށް އެ ގަވާއިދުގައި ބުނެ އެވެ.

މިނިސްޓްރީން އާންމުކުރި އެ ގަވާއިދުގައި ކޮންމެ އުޅަނދެއްގައި ހުންނަން ޖެހޭ ހަމަތަކެއް ކަނޑައަޅާފައިވާއިރު އުޅަނދުގައި ވެސެލް ލޮކޭޓިން ޑިވައިސްއެއް އަދި އިލެކްޓްރޯނިކް މިނިޓަރިން ސިސްޓަމެއް ހަރުކުރުމުގެ އިތުރުން ކޮންމެ މަސްދަތުރަކަށް ފުރުމުގެ ކުރިން ޑިޕާޗާ ކްލިއަރެންސް ހުއްދައެއް ހޯދުމަށް ލާޒިމްކުރެ އެވެ.

އެ ގަވާއިދުގައި ލޭނު މަސްވެރިން ކުރުމަށް ހުއްދަ ސަރަހައްދެއް ކަމަށް ކަނޑައަޅާފައިވަނީ ކަންނެލީގެ އަތު ނަނުގެ މަސްވެރިން އާންމުކޮށް ހަރަކާތްތެރިވާ ސަރަައްދުން ބޭރުގެ ސަރަހައްދެވެ.

ލޭނު މަސްވެރިކަމުގައި އަމާޒުނުކޮށް, ހިފޭ މިޔަރާއި އެ ނޫންވެސް ތަކެތި ދުނިޔެ ގަބޫލުކުރާ ބެސްޓް ޕްރެކްޓިސްތަކާއި ހަމަތަކުގެ މަތިން އެއްގަމަށް ގެނެސް މިޔަރުގެ ބާވަތްތައް ޕްރޮސެސްކުރުމުގެ ހުއްދަ އޮތް ފެސިލިޓީތަކުން ޕްރޮސެސްކުރުމުގެ ފުރުސަތު އެ ގަވާއިދުގެ ދަށުން ފަހިކޮށްދީފައިވެ އެވެ.

ގަވާއިދުގައި ބުނާ ގޮތުގައި ލޭނުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުނުވެ އޮންނަ މިޔަރު ވީހާވެސް އަވަހަކަށް ދޫކޮށްލަންވާނެ އެވެ. އަދި ދޫކޮށްލާއިރު ލިބޭ އަނިޔާ ކުޑަކުރުމަށްޓަކައި ބުޅި ނައްޓާ އާލާތް އަދި ލޭނުކޮޅު ބުރި ކުރާ އާލާތް ބޭނުންކޮށްގެން މިޔަރުގެ އަނގައާ ނުވަތަ ބުޅިއާ ވީހާވެސް ކައިރިން ނަނު ބުރި ކޮށްލަން އިރުޝާދު ދީފައިވެ އެވެ.

ލޭނުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުވެފައިވާ މިޔަރު ބަނދަރަށް ގެންނައިރު ހުންނަންވާނީ މިޔަރުގެ އެއްވެސް އުރަހައެއް އޭގެ ހަށިގަނޑުން ވަކިނުކޮށް ކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އަދި ލޭނުގައި ޖެހި މަރުވެފައިވާ މިޔަރު އެއްގަމަށް ގެނެސް މިޔަރު ޕްރޮސެސްކުރުމަށްޓަކައި ހާއްސަ ލައިސަންސެއް ދޫކުރުމަށް ކަނޑައަޅާފައިވެ އެވެ.

އެ ލައިސަންސް ލިބިފައިވާ ފެސިލިޓީއަކަށް މިޔަރު ކިރާ, ޕްރޮސެސްކުރުމަށް ގަވާއިދުގެ ދަށުން ހުއްދަކޮށްފަ އެވެ.
އެ ގަވާއިދުގައި ބުނާ ގޮތުން ފީކަންފަތް މިޔަރާއި ކަނޑި މިޔަރު އެއްވެސް ހާލަތެއްގައި އުޅަނދަށް ނެގުމާއި އުޅަނދުގައި ބެހެއްޓުމާއި ޕްރޮސެސްކުރާ ތަނަކަށް ކިރުވުމަކީ މަނާކަމެކެވެ.

މިޔަރުގެ އިތުރުން ލޭނުގައި ޖެހޭ ދޫންޏާއި ވެލާ އަދި ކަހަނބު މަދުކުރުމަށް އަމަލުކުރަންވާނެ ގޮތްވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!