ދިރިއުޅޭ ދާއިރާއަށް ވޯޓުދެވޭ ގޮތަށް ބަދަލު ގެންނަން މަޝްވަރާ ކުރަނީ
ދާއިމީ އެޑްރެހުގެ ބަދަލުގައި ދިރިއުޅޭ ދާއިރާއަށް އިންތިހާބުތަކުގައި ވޯޓުދެވޭ ގޮތް ހެދުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އީސީގެ މެމްބަރު އަދި ތަރުޖަމާނު ހަސަން ޒަކަރިއްޔާ ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހިންގުމުގައި ރައްޔިތުންގެ ފަރާތުން މަންދޫބުން އިންތިހާބު ކުރުމުގައި އެހެން ގައުމުތަކުގައި އަމަލު ކުރަމުންދާ ގޮތާ ރާއްޖޭގައި އެކަން ކުރަމުން އަންނަ ގޮތާ ތަފާތުތަކެއް ހުރި ކަމަށެވެ. އެ ތަންތަނުގައި އޮންނަނީ "ރެސިޑެންސް" އެޑްރެހުގައި ވަކި މުއްދަތަކަށް އުޅޭ ނަމަ އެ ސަރަހައްދަކަށް ވޯޓުލެވޭ ގޮތަށް ކަމަށެވެ.
ރާއްޖޭގައި އެކަން ކުރަނީ އެމީހެއްގެ ދާއިމީ އެޑްރެސް އޮންނަ ތަނަކަށް ވޯޓުލާ ގޮތަށް ކަމަށެވެ. އެގޮތަށް އޮތުމުން އުމުރު ދުވަހު އުފަން ރަށުގައި ނޫޅެ، މާލޭގައި ދިރިއުޅުނަސް ވޯޓުލާން ޖެހެނީ އުފަން ރަށަށް ކަމަށެވެ. ރިޔާސީ އިންތިހާބުގައި މައްސަލައެއް ދިމާނުވި ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބުގައި އެކަމުން ނުރަނގަޅު ނަތީޖާތައް ނިކުންނަކަން ފާހަގަކުރެވިފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.
"ރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން ގިނަ ބަޔަކު ބުނާ މީހާ ނޫން މީހަކު އެބައާދޭ އިންތިހާބުވެގެން މާލޭގައި ދިރިއުޅޭ މީހުންގެ ވޯޓުލީމާ. ހަގީގަތުގައި އެތަނެއްގައި ދިރިއުޅޭ، އެތަނަކުން ހިދުމަތް ހޯދާ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވާ މީހާ ނޫން ބަޔަކު ރައްޔިތުންގެ ފަރާތުން އެބައާދޭ،" މިސާލެއް ނެންގެވުމަށްފަހު ހަސަން ވިދާޅުވި އެވެ.
މިކަން ބަދަލު ކުރެވިއްޖެ ނަމަ މިހާރަށް ވުރެ ބޮޑަށް ރައްޔިތުންގެ ފަރާތުން އަންނަ މީހަކު އިންތިހާބު ކުރުމުގެ ފުރުސަތު ތަނަވަސްވާނެ ކަމަށް އީސީން ދެކެ އެވެ. ކަމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާ އެކު އެ ކޮމިޝަނުން ދަނީ މަޝްވަރާ ކުރަމުންނެވެ.
ޥަރަށް ރަގަޅު ކަމެއް
ޙުރިހާ ބޭރުމީހުން ވެސް ފުރުސަތުގަ ހިމަނާލަދެއްވާ. އުޅެނީ މިތާގަ ނޫންތޯ؟