ބަޔަކު މީހުން ކިތަންމެ ބޭނުންވި ނަމަވެސް ސިޔާސީ މައިދާނުން އެމަނިކުފާނު އެކަހެރި ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ދެން އޮންލައިންގެ ޕޮޑްކާސްޓް "ހަވާސާއިން ބޭރުން" ގެ މި ހަފުތާގެ އެޕިސޯޑުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެފައި ވަނީ ޔާމީނަށް ދެން ދުވަހަކު ވެސް ވެރިކަމަށް ވަޑައިނުގެންނެވޭނެ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ދޫކުރައްވާ ވަޑައިގެން, އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުން ތާއީދު މުޅިން ފަނޑުވެ ސިޔާސީ މައިދާނުން އެކަހެރިވެގެން ދިޔަ ހާދިސާއިން މިސާލު ނަންގަވައި، ފައިސަލް ވިދާޅުވެފައި ވަނީ ނަޝީދަކީ ރާއްޖެ ދުށް އެންމެ ވަރުގަދަ ސިޔާސީ އެއް ލީޑަރު ކަމަށެވެ. އެހެންކަމުން ޔާމީނަށް ޖެހިވަޑައިގަންނަވާނީ އެއަށްވުރެ ދެރަ ހާލެއް ކަމަށެވެ.
"ރައީސް ޔާމީން ހިނި އަޔަސް, ރުޅި އަޔަސް, ތުރުތުރު އެޅިޔަސް މިއަދު ރައީސް ޔާމީން އެހުރީ ސިޔާސީ މައިދާނުން އެކަހެރިކޮށްފައި،" ފައިސަލް ވިދާޅުވި އެވެ.
ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެހެން ކިތަންމެ ހަރުއަޑުން ވިދާޅުވިޔަސް އެކަން ނުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑު ސިޔާސީ މައިދާނުން އެކަހެރިވެގެނެއް ނޫން މިހުރީ. އެކަހެރި ނުވެސް ކުރެވޭނެ. އަޅުގަނޑު މިހުރީ ސިޔާސީ މައިދާނުގައި،" ޔާމީން ވިދާޅުވި އެވެ.
އެފަދަ ވާހަކަތައް ދައްކަވަމުން އަންނަ ފަރާތްތަކަކީ ސިޔާސީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ފަރާތްތަކެއް ނޫންކަން ފާހަގަކުރައްވާ ޔާމީންގެ ވާހަކައިގައި ވަނީ އެމަނިކުފާނަށް ފާޑުވިދާޅުވަމުން އަންނަ ފަރާތްތަކަށް ވަރުގަދަ ރައްދުތަކެއް ވެސް ދެއްވާފަ އެވެ.