ޚަބަރު

ކޮވިޑް-19: ހޯޑެއްދޫއަށް ބަލި ދިޔަ ގޮތް ހޯދަނީ، މިއަދު ޓެސްޓުކުރި 13 ސާމްޕަލް ނައްސި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭގެ އިތުރުން މިހާރު ރާއްޖޭގައި އެންމެ ގިނައިން ކޮވިޑް19 ފެތުރިފައިވާ ގދ. ހޯޑެއްދޫ އަށް މިބަލި ދިޔަގޮތް ހޯދަމުންދާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިރޭ އެސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ އެރަށް މިބަލި ދިޔަ ގޮތެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ހޯޑެއްދޫއިން އިތުރަށް ޓެސްޓު ކުރެވުނު 13 ސާމްޕަލެއް ޓެސްޓު ކުރެވިފައިވާއިރު، އެ 13 ސާމްޕަލް ވެސް ބައްޔަަށް ނައްސި ކަމަށް ޑރ. ނަޒްލާ ވިދާޅުވެފައިވެއެވެ.

ހޯޑެއްދޫ އަދި މަޑަވެލީގައި އެޗްޕީއޭއިން ކުރަމުންދާ މަސައްކަތްތަކާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ ހޯޑެއްދޫއިން 3ސެޕްޓެމްބަރުގައި ކޮވިޑްގެ ހަތަރު ކޭސް ފެނިފައިވާ ކަމަށާއި ޖެހިގެން އައި ދުވަހު ދެ ކޭސް ފެނިފައިވާ ކަމަށެވެ.

"މީގެއިތުރުން 5 ސެޕްޓެމްބަރުގައި ވަނީ 19 ކޭސް ވަނީ ފެނިފައި. މި 19 ކޭސް ގުޅިފައި މިވަނީ ހަތަރު ގެއަކާއި. މިހާތަނަށް އެރަށުން އަޅުގަނޑުމެންނަށް 111 ކޮންޓެކްޓުން ވަނީ ހޯދިފައި، އެއީ ޖުމްލަ 21 މީހުންގެ. މީގެތެރޭގައި ބަލީގެ އަލާމާތްތައް ހުރި 60 ފަރާތެއް ހިމެނޭ. އޭގެތެރޭގައި އުމުރުން 50 އަހަރުން މަތީގެ ހަ ފަރާތަކާއި އަދި އެއް އަހަރުން ދަށުގެ ދެ ކުދިން ހިމެނޭ." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ހޯޑެއްދޫ ގައި ވެސް މިހާރު މިބަލި ފެތުރެމުން ދިޔުމާއި ގުޅިގެން ސުކޫލްތައް ވެސް ބަންދު ކަމަށާއި މާސްކު އެޅުންވެސް މުހިންމު ކަމަށެވެ.

މީގެއިތުރުން ޑރ. ނަޒްލާ ވިދާޅުވީ އެރަށަށް މިބަލި ދިޔައީ ކިހިނެއްތޯ ބަލަމުން ވެސް އަންނަ ކަމަށެވެ.

"އެރަށަށް ބަލި ދިޔައީ ކިހިނެއްތޯ ބެލުމުގެ މަސައްކަތް، ކޭސް އިންވެސްޓިގޭޝަން މިހާރު ވެސް އަދިވެސް ކުރިއަށް އެބަދޭ. އަދި ސީދާ އަޅުގަނޑުމެންނަކަށް ފުރިހަމައަކަށް އެނގޭކަށެއް ނެތް ކިހިނެއްކަމެއް ދިޔައީކީ. އެހެންނަމަވެސް އަޅުގަނޑުމެން އެބަ އެމައުލޫމާތު އެއް ކުރަން" ޑރ. ނަޒްލާ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!