ޚަބަރު ވިޔަފާރި

މި އަހަރު އައި ފަތުރުވެރިންގެ އަދަދު 1.3 މިލިއަނަށް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.3 މިލިއަނަށް އަރައިފި އެވެ.

Ads by Sosun Fihaara

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 1,304,236 ފަތުރުވެރިން ވަނީ އައިސްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައި ވަނީ 1,181,093 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެކެވެ.

އިއްޔެ އާ ހަމައަށް ރާއްޖެއަށް 121،179 ފަތުރުވެރިން ވަނީ އައިސްފަ އެވެ. މިދިޔަ އަހަރު އައިސްފައި ވަނީ 105،866 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. މި އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 14.5 އިންސައްތަ ދަށެވެ.

އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 6،378 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މި މުއްދަތުގައި އައި ފަތުރުވެރިން އެވްރެޖުކޮށް 7.8 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެ އެވެ.

އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:

  • ޗައިނާ - 184،632 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 14.2 އިންސައްތަ)
  • ރަޝިއާ - 139،308 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 10.7 އިންސައްތަ)
  • އިނގިރޭސިވިލާތް - 112،656 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 8.6 އިންސައްތަ)
  • އިޓަލީ - 95،982 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 7.4 އިންސައްތަ)
  • ޖަރުމަނުވިލާތް - 91،868 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 7.0 އިންސައްތަ)

މި ގައުމުތަކުގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާ، އެމެރިކާ، ފްރާންސް، ސްޕެއިން އަދި ސްވިޒަލޭންޑުންނެވެެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1,220 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 174 ރިސޯޓާއި 14 ހޮޓަލާއި 879 ގެސްޓްހައުސްގެ އިތުރުން 153 ސަފާރީ ހިމެނެ އެވެ. މި ތަންތަނުން ޖުމްލަ 62,740 އެނދު އޮޕަރޭޓްކުރެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!