Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

މޫނު ބުރުގާ އަޅާނަމަ ވަޒީފާ ނުލިބޭ ގަވާއިދުތައް އުވާލަން ޖެހޭ: ރައީސް

މޫނު ބުރުގާ އަޅާނަމަ ވަޒީފާ ނުލިބޭ ގަވާއިދުތައް އުވާލަން ޖެހޭ: ރައީސް
މީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާ ދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލި އަންހެނަކު މޫނު ބުރުގާ އަޅާތީ ޑިސްކޮލިފައިވާ މައްސަލައެއް އިއްޔެ ވަނީ ފެންމަތިވެފަ އެވެ. ޑީޖޭއޭ އާ ހަވާލާދީ އޭނާ ޑިސްކޮލިފައިކޮށް، ކޯޓުން ފޮނުވި ކަމަށް ބުނާ އީމެއިލް ސޯޝަލް މީޑިއާގައި ވަނީ ދައުރުކޮށްފަ އެވެ. "ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 129 ވަނަ މާއްދާގައި މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަން ވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި ކަމަށް ބަޔާންކޮށްފައި ވާތީ، ކެނޑިޑޭޓަކީ މޫނު ބުރުގާ އަޅާ ފަރާތެއްކަން ކަށަވަރު ކުރުމަށް ފަހު މޫނު ބުރުގާ އަޅާ ނަމަ ރެކުރޫޓްމަންޓް ޕްރޮސެސް ކުރިއަށް ގެންދަން ނުފެންނަ ކަމުގައި ދެންނެވީމެވެ،" ޑީޖޭއޭއިން އެންގި ކަމަށް ބުނެ، ހުޅުދެލީ ކޯޓުން އަންހެން މީހާއަށް ފޮނުވި މެއިލްގައިވެ އެވެ. އެކަމާ ގުޅިގެން މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އިސްލާމްދީނާ ހިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެ މީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާ ދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެން ނުވާނެ ކަމަށެވެ.
"އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް އަމަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަން ޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ފާހަގަކުރެއްވީ އެކަން ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް މިހާރު އަންގަވާފައިވާ ކަމަށެވެ. އެމަނިކުފާނު ވަނީ މި މުޖުތަމައަކީ ހުރިހާ މާނައެއްގައި އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމައަކަށް ހަދަން އެންމެން އަޒުމު ކަނޑައަޅަން އިލްތިމާސް ކުރައްވާފަ އެވެ. ކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. ވިދާޅުވީ މޫނު ބުރުގާ އެޅުމަކީ ވަޒީފާއިން މަހުރޫމުވާން ޖެހޭނެ ކަމެއް ނޫން ކަމަށެވެ. ތަހުޒީބު މުޖުތަމައެއް ބިނާ ކުރެވޭނީ އެންމެންނަށް ހައްގުތައް ދީގެން ކަމަށެވެ. "ތައުލީމީ ގިނަ އަންހެން ބޭފުޅުންތަކެއް މޫނު ބުރުގާ އަޅާފައި ތިބޭ. އެ ފަރާތްތަކުގެ ވަޒީފާގެ ހައްގު ސިވިލްސާވިސް ކޮމިޝަނުން ކަށަވަރު ކުރަން ޖެހޭ،" މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް