ޚަބަރު ސަރުކާރު

ކާތަކެތި ތައްޔާރުކުރަނީ ރައްކާތެރިކޮށްތޯ ކަށަވަރު ކުރަން ލައިސެންސެއް ދޫކުރަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ކާބޯތަކެތި ތައްޔާރުކުރަނީ އެކަމަށް އެކަށީގެންވާ ރައްކާތެރިކޮށްތޯ މާހައުލެއްގައިކަން ކަށަވަރު ކުރުމަށް ހާއްސަ ލައިސެންސެއް ދޫކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ކަމާ ގުޅުންހުރި މިނިސްޓްރީތަކުން މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލު ވިދާޅުވީ މިހާރު އެންމެ ބޮޑު ކަމަކަށް ދިމާވެފައި ވަނީ ކަންމަތީ ފިހާރައިގައި ހުންނަ ތަކެތި ޓްރެކް ކުރެވޭނެ އެއްވެސް ގޮތެއް ނެތުން ކަމަށެވެ.

އެފަދަ ތަކެތި ޕެކްކޮށްފައި ހުންނައިރު، އެއީ ކޮންތަނަކު، ކާކު އުފައްދާފައި ހުންނަ އެއްޗެއްކަން އެނގެން ނުހުންނަ ކަމަށެވެ.

ކާބޯތަކެތީގެ ގާނޫނާ އެކު، ހާއްސަ ލޭބަލެއް ކޮންމެ އެއްޗަކާ ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކާބޯތަކެތި އުފައްދަނީ، ކާބޯތަކެތި އުފައްދަން އެކަށީގެންވާ މާހައުލެއްގައިތޯ، އެ ވެސް އަޅުގަނޑުމެން ކަށަވަރު ކުރުމަށް ޓަކައި އަޅުގަނޑުމެން އިންސްޕެކްޓް ކުރުމަށް ފަހުގައި ހާއްސަ ލައިސެންސެއް ދޫކުރަން ވެސް އަޅުގަނޑުމެން މިހާރު ވަނީ ކަނޑައަޅާފައި،" ހަލީލު ވިދާޅުވި އެވެ.

ވިދާޅުވީ ހާއްސަ ގޮތެއްގައި "ހޯމް ބޭސްޑް" ތަކެތި އުފައްދާއިރު، އެކަމަށް ބަލާނެ ކަމަށެވެ. މިހާރު ވެސް ރަޖިސްޓާކޮށްގެން ކުރާ ވިޔަފާރިތަކުގައި ލައިސަންސް ދޫކުރަމުން އަންނަ ކަމަށެވެ. މައްސަލަ ދިމާވަނީ "ހޯމް ބޭސްޑް" ކޮށް ތަކެތި އުފައްދާއިރުކަން ފާހަގަކުރެއްވި އެވެ.

"މިހާރު ނިކުމެގެން އުޅޭ މައްސަލަތަކަކީ ރަޖިސްޓާނުކޮށް ބޭރު މީހުންތަކެއް އުފައްދައިގެން، ބޭރު މީހުންނާ ގުޅިފައިހުރި މައްސަލަތަކެއް. އޭގެ ތެރެއިން މި ފާހަގަކުރެވެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!