ޚަބަރު

ޕީޖީ ޝަމީމް ކޮމިޓީ ސިއްރުކުރީ ގަވާއިދާ ހިލާފަށް: އެމްޑީޕީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އެމްޑީޕީ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޕްރޮސެކިއުޓަ ޖެނަރަލް (ޕީޖީ) ހުސައިިން ޝަމީމް ޖަވާބުދާރީކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފަށްކަމަށް ބުނެ އެ ކަން ކުށްވެރިކޮށް އިދިކޮޅު އެމްޑީޕީން ބަޔާނެއް ނެރެފި އެވެ.

Ads by Hajj Corporation

އެމްޑީޕީން މިރޭ ނެރުނު ބަޔާނުގައި ބުނީ ކޮމިޓީއެއް ސިއްރުކުރުމަށް ނިންމޭނީ ވަކި ހާލަތްތަކެއްގައި ކަން މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވީ ނަމަވެސް އެއިން އެއްވެސް ހާލަތެއް ނެތް ކަމަށެވެ. އަދި ކޮމިޓީގެ ބައްދަލުވުން ސިއްރުކުރި ސަބަބެއް ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ވެސް ނެތް ކަމަށް ބުންޏެވެ.

"ކުއްލި ގޮތަކަށް ޖުޑިޝަރީ ކޮމިޓީގެ އެ ބައްދަލުވުން ސިއްރުކުރުމަށް މަޖިލީހުގެ ގަވާއިދާ ހިލާފަށް އެ ކޮމިޓީން ނިންމި ނިންމުމަކީ ޑިމޮކްރެޓިކް ހަމަތަކާ ހިލާފަށް، އަދި ޑިއު ޕްރޮސަސްއަށް ޖާގަނުދީ، ބަންދު ކޮޓަރިއެއްގައި އަވަސް އަރުވާލައިގެން ނިންމާފާއިވާ ނިންމުމެއް،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ޝަމީމް ހާޒިރު ކުރުމުގެ ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ސިއްރު ކުރުމަށް ހުށަހަޅުއްވަމުން ތުލުސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވީ އެއީ ހުށަހެޅިފައިވާ މައްސަލަތަކުގައި ބައެއް މީހުންގެ ޒާތީ މައުލޫމާތު ހިމެނޭތީ ކަމަށެވެ.

ސިއްރު ކުރުމަށް މަޖިލީހުގެ ގަވާއިދުގައި އޮންނަ ސަބަބުތަކަކީ ގައުމީ ސާލަމަތަށް ނުރައްކާވާތީ ސިއްރުކުރަން ޖެހުން، އާންމު ފަރުދުންގެ މެދުގައި ހިމެނޭ ވިޔަފާރި މުއާމަލާތް ހިމެނޭ މައުލޫމާތުތަކެއް ހުރުން ނުވަތަ ސިއްރު މައުލޫމާތުގެ ގޮތުގައި ދައުލަތުގެ އިދާރާއިން ކަނޑައަޅާފައިވާ މައުލޫމާތުތަކެއް ހުރުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!