ސްޕޯޓްސް ފިޝިންއަށް 5 ސަރަހައްދެއް ތަރައްގީ ކުރަނީ

ރާއްޖޭގައި ސްޕޯޓްސް ފިޝިންއަށް 5 ސަރަހައްދެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް ފިޝަރީޒް މެރިން ރިޒޯސްސް އެންޑް އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝިޔާމް އެކަން ހާމަކުރެއްވީ ބުދަ ދުވަހު ދިިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ޕްރެސް ބްރީފިންގަ އެވެ.
މިނިސްޓަރު ވިދާޅުވީ އެއީ ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ ސްޕޯޓްސް ފިޝިން ކޮމިއުނިޓީއަށާއި އިންޓަނޭޝަނަލް ފިޝިން ކޮމިއުނިޓީއަށް ވެސް ބޭނުންވާ ހައްލުތައް ހޯދައިދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އެ ސަރަހައްދުތައް ކަނޑައަޅާނެ ސީދާ ތާރީހެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
ޝިޔާމް ވިދާޅުވީ، އެ މަޝްރޫއުގެ ސަބަބުން ރާއްޖެއަށް އިންވެސްޓްމަންޓް އިތުރުވެގެން ދާނެ ކަމަށާއި، އަދި ދައުލަތަށް އާމްދަނީ ވަންނާނެ ގޮތްތައް އިތުރުވެގެންދާނެ ކަމަށެވެ.
މަޝްރޫއުގެ ސަބަބުން އިތުރު ވަޒީފާތަކާއި ވިޔަފާރި ފުރުސަތުތައް ހުޅުވިގެންދާނެކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި އެއީ މަސްވެރިކަން ސިންދަފާތު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.
އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.