ޚަބަރު ސަރުކާރު

ޝަމީމަށް ހަމަލާދިން މައްސަލާގައި 7 މީހަކަށް ދައުވާކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ކުރީގެ ޕީޖީ ޝަމީމް

ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް މަގުމަތިން ހަމަލާ ދިން މައްސަލާގައި 7 މީހަކަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކޮށް، ކުރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

Ads by Hajj Corporation

މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ޝަމީމަށް ހަމަލާ ދީފައިވަނީ ދަރިފުޅު ސްކޫލަށް ގެންގޮސްފައި އައި މަގުމަތީގައި، ގޭގެ ދޮރުމަތިންނެވެ. މަރުތޭލަކުން ދިން ހަމަލާގައި ޝަމީމްގެ ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދެއްލާ, ހޮސްޕިޓަލުގައި އޭނާއަށް ވަނީ ފަރުވާ ދީފައެވެ.

މި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ ރ. އަލިފުށީ ރިވެލި، މިދުހަތު އާދަމާއި ލ. ގަމު ތުނޑި އަވަށު ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާނާއި އދ. މާމިގިލީ، ކެމީހިޔާ ޒަޔާން ނަސީރާއި ތ. ތިޔަދިމިގިލީ ރުވާ، އަބްދުލް ހަންނާނާއި ލ. މާމެންދޫ މުރިނގު، ރަޖުވާން ލަތީފާއި ދަފްތަރު ނަމްބަރު 2247 އަހުމަދު މައިސާން ހާޝިމްގެ މައްޗަށެވެ.

މި މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާ އަކީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާ އެވެ.

އޭގެތެރެއިން މިދުހަތު އަށް ކޮށްފައިވާ ދައުވާ އަކީ ޝަމީމް އަށް ހަމަލާދިނުމަށް ރާވައި، ޝަމީމަށް ހަމަލާދީ އަދި މާރާމާރި ހިންގުމުގެ ދައުވާ އެވެ. އަދި ޖަޒްލާން އަށް ކޮށްފައިވާ ދައުވާ އަކީ ސައިކަލެއްގައި މިދުހަތު އެތަނަށް ގެންގޮސް، ހަމަލާ ދިނުމަށްފަހު މިދުހަތު ގޮވައިގެން އެތަނުން ދިއުމުގެ ދައުވާ އެވެ. އަދި މައިސާންގެ މައްޗަށް ކޮށްފައިވާ ދައުވާ އަކީ ސައިކަލު ހޯދައިދީ ހަމަލާ ދިނުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އެވެ.

ބާކީ ތިބި ހަތަރު މީހުންނަށް ކޮށްފައިވާ ދައުވާ އަކީ ހަމަލާދިނުމަށް ރާވައި، އެކަމުގައި ބައިވެރިވުމުގެ ގޮތުން ކާރުގައި މަޑުކޮށްގެން ތިބުމަށްފަހު، ހަމަލާދީ ނިމުމަށްފަހު ހަމަލާދިން މީހުނާއެކު އެތަނުން ގޮސްފައިވާ ކަމުގެ ދައުވާ އެވެ.

މި މައްސަލާގައި ދައުވާ ކުރާ 7 މީހުންވެސް ތިބީ ބަންދުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!