ޚަބަރު ސިޔާސީ

އަނެއްކާވެސް އެމްއާރުއެމް އުވައިލަން ނިންމައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެމްއާރުއެމްގެ ބާނީ ރައީސް މައުމޫނާއި ޕާޓީގެ ރައީސް. ދަރިކަލުން ފާރިސް

ކުރީގެ ރައީސް އަލް އުސްތާޒު މައުމޫނު އަބްދުލް ގައްޔޫމު އިސްވެ ހުންނަވައި އުފެއްދެވި ސިޔާސީ ޕާޓީ، މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) އުވައިލަން ނިންމައިފި އެވެ.

Ads by Sosun Fihaara

އިލެކްޝަންސް ކޮމިޝުން މިއަދު ހަވީރު ވަނީ މިގޮަތަށް ނިންމާފައިވާކަން ހާމަކޮށްފަ އެވެ. އެ ކޮމިޝަނުން ބުނީ މިގޮތަށް ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނު ލާޒިމް ކުރާ އަދަދަށް އެޕާޓީއަށް މެމްބަރުން ހަމަވެފައި ނުވާތީ އެވެ.

ގާނޫނު ބުނާ ގޮތުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދެމިއޮތުމަށް އެންމެ މަދުވެގެން 3،000 މެމްބަރުން ޕާޓީގައި ތިބެން ޖެހެ އެވެ.

އެމްއާރުއެމް އުވައިލަން މިިދިޔަ އަހަރުގެ މެއި މަހުވެސް އީސީން ނިންމި އެވެ. އެނިންމުމާއި މެދު ހިތްހަމަ ނުޖެހިގެން އެޕާޓީން ވަނީ ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ. މި ދައުވާ ކާމިޔާބުވެ އީސީގެ ނިންމުން ގޯސްކަމަށް ކޯޓުން ކަނޑައެޅި އެވެ. އަދި ޝަރީއަތުގެ ފީގެ ގޮތުގައި ހަރަދުވި 50،000 ރުފިޔާ އެމްއާރުއެމްއަށް ދެއްކުމަށް އީސީގެ މައްޗަށް ހުކުމް ކުރި އެވެ.

މިނިންމުމަށް 6 މަސް ވެގެން ގޮސްފައިވާއިރު މެމްބަރުން ހަމަ ނުވާތީ އަނެއްކާވެސް އީސީން މިވަނީ އެމްއާރުއެމް އުވައިލަން ނިންމައިފަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްއާރުއެމްގެ ފަރާތުން އެޕާޓީގެ ރައީސް ފާރިސް މައުމޫނު ވާދަކުރައްވަން ނިންމެވި އެވެ. އެހެންނަމަވެސް ގާނޫނީ ގޮތުން ހުރަސްތަކެއް ހުރުމުން ފާރިސް ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ފާރިސްއަށް ލިބިވަޑައިގެންނެވީ 2،979 ވޯޓެވެ. ދެވަނަ ބުރުގައި ފާރިސް އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ކުރައްވާފައި ނުވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!