ޚަބަރު

ހިޔާ ޓަވަރުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތުގެ 23 އިންސައްތަ ނިމިއްޖެ 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ހިޔާ މަޝްރޫއުގެ ފްލެޓްތައް.. ދެން އިމޭޖްސް

ހުޅުމާލޭ ދެވަނަ ފިޔަވަހީ ގައި ހުންނަ ހިޔާ ޓަވަރުތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތުގެ 23 އިންސައްތަ ނިމިއްޖެ ކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

Ads by STELCO

ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސްގެ ހަފްތާ-14 ގެ ތެރެއިން އެ މަސައްކަތް މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ފަށައިގެން ކުރިއަށް އެބަދެ އެވެ.

ލިފްޓުގެ އެންމެ ފަހުގެ މައުލޫމާތު ވީޑިއޯއެއް މެދުވެރިކޮށް އެޗްޑީސީގެ ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންސްގެ އެސިސްޓެންޓް ޑިރެކްޓަރު, ހަސަން ޝަހީދު ވިދާޅުވީ އެ ލިފްޓްތަކަކީ 15 މީހުންގެ ޖާގައިގެ ލިފްޓްތަކެއް ކަމަށެވެ. އެ ލިފްޓުތަކުގައި ބަލިމީހުންގެ ސްޓެޗާއެރުވޭނެ ޖާގަ ހުންނާނެ ކަމަށް ޝަހީދު ވިދާޅުވި އެވެ.

ލިފްޓްތަކުގެ ފްލޯ ނަންބަރުތައް 'ބްރެއިލްއިން އެންގްރޭވް ކުރެވިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އެހެން ފަރާތެއްގެ އެހީތެރިކަމާ ނުލާ ލިފްޓް ބޭނުންކުރެވޭނެ ކަމަށްވެސް ޝަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިޔާގެ 16 ޓަވަރުގެ ތެރެއިން 13 ޓަވަރެއްގައި މަސައްކަތް ކުރިއަށްދާ ކަމަށާއި ބާކީ ތިން ޓަވަރުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ފެށޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި މި ޕްރޮޖެކްޓް އެއްކޮށް ނިމި, މި ލިފްޓްތައް ހިޔާ ޓަވަރުގައި ދިރިއުޅުއްވާ ރައްޔިތުންނަށް ބޭނުންކުރެވެން ފަށާނެ"

ލިފްޓު ހަރުކުމުގެ މަސައްކަތް އެޗްޑީސީން ހަވާލުކޮށްފައި ވަނީ ޗައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާ އެވެ.

ހިޔާ ފްލެޓްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާއިރު ލިފްޓްގެ ދަތިކަމަކީ އެ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާ އެކެވެ. އެ މަސައްކަތް ނިމުމާއެކު އެކަމަށް ހައްލު ލިބިގެންދާނެކަން ފާހަގަކުރެވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!