ޚަބަރު ސިޔާސީ

މިނިސްޓަރުކަމުން މުއިއްޒު ވަކިކުރުމަކީ އުދަނގޫ ކަމަށް ވާން ޖެހޭ ސަބަބެއް ނެތް: ޔާމީން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައީސް ޔާމީން ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ / ފޮޓޯ:ދެން އިމޭޖްސް

އެމަނިކުފާނުގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރު ކަމުން ވަކި ކުރަން އުޅެ އެކަން ނުކުރެވުނު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކަފުޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައްދު ދެއްވައިފި އެވެ.

Ads by STELCO

"ސަންގު ޓީވީ" އަށް މިފަހުން ދެއްވި ބަސްދީގަތުމެއްގައި އަބްދުއްރަހީމް ވިދާޅުވެފައި ވަނީ މިނިސްޓަރުކަމުން މުއިއްޒު ވަކި ކުރެއްވުމަށް ތިން ފަހަރެއްގެ މަތިން ޔާމީން މަސައްކަތްޕުޅު ކުރެއްވި ކަމަށެވެ. އެކަމަކު އެކަން އެގޮތަށް ނުކުރެއްވުނީ އެކަމާ ދެކޮޅަށް ބައެއް ބޭފުޅުން ކުރެއްވި މަސައްކަތުން ކަމަށެވެ. އަދި ސިނަމާލެ ބްރިޖުގެ ހުޅުވުމުގެ ތައްޔާރީތައް ވަމުން އައި ދުވަސްވަރު މިނިސްޓަރުންނާއި ޕާޓީގެ އިސްވެރިން ތިއްބެވި ބައްދަލުވުމެއްގައި ބްރިޖުގެ ލޭނެއް މަދުވުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރެއްވި ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ ދައުލަތުގެ އެހެންހުރި ކަންކަމުގެ ވާހަކަ އަބްދުއްރަހީމަށް އެނގިވަޑައިގަންނަވަނީ ކިހިނަކުންތޯ ސުވާލު އުފައްދަވާފަ އެވެ. ވިދާޅުވީ އަބްދުއްރަހީމަކީ ދައުލަތުގެ މުވައްޒަފެއް ނޫން ކަމަށާއި ހުންނެވީ ޕާޓީ ހިންގަވަން ކަމަށެވެ.

"އަޅުގަނޑު ދައުލަތުގެ މިކަހަލަ ކަންތައްތަކެއް، ވަޒީރުންނާ ދޭތެރޭ ކުރާ ކަންކަން އަބްދުއްރަހީމަކާ މުއާމަލާތެއް ނުކުރަމޭ. ތިން ފަހަރެެއްގެ މަތިން ރައީސް އުޅުނޭ މުއިއްޒު ކަނޑާލަން. ތިމަންނަމެން އެތައް ބަޔަކު ވާހަކަ ދައްކައިގެންނޭ،" ޔާމީން ވިދާޅުވި އެވެ.

ވިދާޅުވީ އެމަނިކުފާނަކީ މިނިސްޓަރުން މަގާމުން ވަކި ކުރައްވަން ވަރަށް ފަރިތަ ބޭފުޅެއް ކަމަށެވެ. ހަމަ އެގޮތަށް ނައިބު ރައީސުން މަގާމުން ވަކިކުރައްވަން ވެސް އެހާމެ ފަރިތަ ކަމަށެވެ. "އެހެންވީމާ ކީއްވެގެންތޯ، މުއިއްޒާ ޖެހިގެން އެވަރުގެ ކަމެއް ވީމާ، ތިން ފަހަރުމަތިން ވަކިކުރަން އުޅެވެސް ނުކުރެވިގެން ދިޔައީ،" ސުވާލު އުފެއްދެވި އެވެ. އެ ވާހަކަ ގަބޫލު ކުރާނެ ދިވެއްސެއް ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރުކަމުގެ މަގާމުން މުއިއްޒު ވަކި ކުރެއްވުމަކީ އުދަނގޫ ކަމަކަށް ވާން ޖެހޭ ސަބަބެއް ނެތް ކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވި ގޮތުގައި މަގާމުން ބޭފުޅަކު ވަކި ކުރައްވާނަމަ އެކަން ކުރައްވަނީ މަސައްކަތަށް ފަރުވާ ކުޑަކުރެއްވުމުން ކަމުގަ އެވެ. ނުވަތަ ކަމަކަށް އިހުމާލުވުމުން ކަމުގަ އެވެ.

"ދިވެހި ރައްޔިތުން ގަބޫލުކުރާނެ. ތި އަގުބޮޑު ބްރިޖުގައި ލޭނުތަކެއް މަދުވާ ކަމަށްވަންޏާ، އެއީ ވަޒީރަކަށް ހުންނަ މީހަކު މަގާމުން ވަކިކުރުމާ އެކީ އޭނާގެ މައްޗަށް ދައުވާ ވެސް ކުރާނެ މައްސަލައެއް،" ޔާމީން ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ނައިބު ރައީސުންނާއި ދެ ޑިފެންސް މިނިސްޓަރުންނާ އަދި މިނިސްޓަރުން މަގާމުން ވަކިކުރެއްވިއިރު ވެސް އަބްދުއްރަހީމްގެ ލަފާ ނުހޯއްދަވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!