14 ދުވަހުން ރަބީއުވިލާ ތަޅާލައިފި
ބާވެ ބޮލަށް ވެއްޓެންވެފައި ހުރި މ. ރަބީއުވިލާ 14 ދުވަސް ތެރޭގައި ތަޅައި ނިންމާލައިފައިވާ ކަމަށް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ފަބްލިކް ވޯކްސް ގެ މިނިސްޓަރު އާދަމް ޝަރީޕް އުމަރު ވިދާޅުވެއްޖެ އެވެ.
އެ ސަރަހައްދަށް މިއަދު ޒިޔާރަތް ކުރުމަށްފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެ މަސައްކަތްކުރި އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ ގެތަކުގެ ތެރެއިން ބޮޑު ގެއްލުމެއް އެއްވެސް ގެޔަކަށް ނުވާކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
"އެއް ގެއެއްގެ ބިއްލޫރި ގަންޑެއް ތަޅައިގެން ދިޔަ، އޭގެ ބަދަލު ދިނުމުގެ މަސައްކަތް ނިންމާފައި މިހާރު ވާނީ. އަދި އެހެން ގެއެއްގެ ބޭރުގައި އޮތް އައުޓް ޑޯ އެއާ ކޯނެއްގެ ކުޑަ މައްސަލައެއް ދިމާވީ، އެކަންވެސް ހައްލު ކޮށްދީފައި މިހާރު ވާނީ" ޝަރީފް ވިދާޅުވި އެވެ.
"މި މަސައްކަތް ކުރުމުގައި މި ހިސާބުގެ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު. އެއްވެސް ޝަކުވާ އެއް އަޅުގަނޑުމެންނަށް ނައިސް މި މަސައްކަތް އަވަހަށް ކުރިއަށް ގެންދެވޭނެ ގޮތަކަށް އެއްބާރުލުން ލިބިގެން މި ދިޔައީ" ޝަރީފް ވިދާޅުވި އެވެ.
ރަބީއުވިލާ ތަޅާލުމުގެ މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި އެއީ ރައިސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދީގެން، އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ރަބީއުވިލާ ތަޅާޅުމުގެ މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއް ނަމަވެސް ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި އެ މަސައްކަތްކޮށް، މަސައްކަތް ވަރަށް ފުރިހަމަ ކަމާއިއެކު ނިންމާލެވިފައިވާ ކަމަށެވެ.
ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ކުރަމުންދަނީ އެ އިމާރާތުގެ ސަބަބުން މީހަކަށް ނުރައްކަލެއް ލިބިދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދު ދެއްވާފައިވާތީ ކަމަށް ޝަރީފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
ފަސް ފަންގިފިލާގެ ހިމެނޭ އެ ގެ ތަޅާލުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގަ އެވެ.
އެ ގެއަކީ ބާވެ ތަޅާލަން ޖެހިފައިވާ ގެއަކަށްވާތީ 2019 ވަނަ އަހަރުގެ ތެރޭގައި އިތުރު 10 ގެއަކާއެކު ސަރުކާރުން އިއުލާނުވެސް ކުރި އެވެ.
ދާދިފަހުން ބޭއްވި ބައްދަލުވުމެއްގައި ސިޓީ މިނިސްޓްރީން ވަނީ މާލޭ ސިޓީގައި ބާވެފައި ހުރި ދެ އިމާރާތެއް ތަޅާލުމުގެ މަސައްކަތަށް އެކަމާ ގުޅުން ހުރި ކުންފުނިތަކުގެ އެހީތެރިކަމަށް އެދިފަ އެވެ.