ފުލުހުންގެ އޮޕަރޭޝަންތަކަށް ފަސޭހަކުރަން އެޕްލިކޭޝަންތަކެއް ތައާރަފުކޮށްފި
ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަންތަކަށް ފަސޭހަކުރަން އެޕްލިކޭޝަންތަކެއް ތައާރަފުކޮށްފި އެވެ.
ފުލުހުންގެ މަސައްކަތްތަކަށް ފަސޭހަކޮށް، ހަލުވިކުރުމަށް އާ އެޕްލިކޭޝަންތަކެއް ތައާރަފުކޮށް، ކުރިން ބޭނުންކުރަމުން އައި ބައެއް އެޕްލިކޭޝަންތައް އަލުން ފަރުމާކޮށް އިފުތިތާހުކޮށްފައި ވަނީ ދިވެހި ފުލުހުންގެ މަދަނީ ހިދުމަތަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ. ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އިސްމާއީލް ނަވީން އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންގެ އިތުރުން ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ ކޮމާންޑުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވި އެވެ.
އިތުރު ފީޗާސްތަކާ އެކު އަލުން ފަރުމާކުރި އެޕްލިކޭޝަންތަކުގެ ތެރޭގައި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ސަޕޯޓް ޕޯޓަލް، ޕީއައިއައި ޓީމްސް އެޕްލިކޭޝަން، ޕާސަން އޮފް އިންޓްރެސްޓް ޕޯޓަލް، ނެއިބަހުޑް ސަޕޯޓް ސިސްޓަމް، ޓެކްނިކަލް އޮޕަރޭޝަން ޕްލެޓްފޯމް، އޮޕްސް މޮބައިލް އެޕް އަދި ފޭސް އެޕް ހިމެނެ އެވެ.
އޭގެ އިތުރުން މުޅިން އަލަށް ތައާރަފުކުރެވުނު އެޕްލިކޭޝަންތަކުގެ ތެރޭގައި ޕައިން މައިންޑުގެ ދަށުން ޑިވެލޮޕްކޮށްފައިވާ އޮޓޮމެޓިކް ސްޕީޗް ރެކޮގްނިޝަން (އޭއެސްއާރު) އަދި އިންވެސްޓިގޭޝަން މޮޑިއުލްއަށް އިތުރުކުރެވުނު ސުޕަވައިޒަ ޑޭޝްބޯޑް ހިމެނެ އެވެ.
ފުލުހުން ބުނީ އެ ގެނެވުނު ބަދަލާ އަދި އާ އެޕްލިކޭޝަންތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މައުލޫމާތު ބެލެހެއްޓުމާއި ތަހުގީގުތައް ކުރިއަށް ގެންދިއުމާއި މުޖުތަމައާ ގުޅިގެން ކުރާ މަސައްކަތްތައް ހަލުވިވެ، ފަސޭހަވެގެންދާނެ ކަމަށެވެ.
"މިސާލަކަށް އޭއެސްއާރު ނިޒާމުގެ ސަބަބުން، މައްސަލަތަކާ ގުޅިގެން ނަގާ ބަޔާންތަކާއި ބައްދަލުވުންތަކުގެ ޓްރާންސްކްރިޕްޓް ފަސޭހައިން ލިޔުމަށް ބަދަލު ކުރެވޭނެ އެވެ. އަދި ފޭސް އެޕްގެ ސަބަބުން މީހުން ދެނެގަތުމުގެ މަސައްކަތް އަވަސްވެ ސަލާމަތީ ކަންކަން ހަރުދަނާވެގެންދާނެ އެވެ،"
މި އެޕްލިކޭޝަންތައް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީގެ ފަރާތުން ބުނެފައި ވަނީ ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ ދިވެހި ފުލުހުންގެ ހިދުމަތް އިތުރަށް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށެވެ. އަދި މި އާ ޓެކްނޮލޮޖީތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތުގެ ފެންވަރު މަތިވެ، ރައްޔިތުންނަށް ދެވޭ ހިދުމަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޔަގީންކުރާ ކަމަށެވެ.
- ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ސަޕޯޓް ޕޯޓަލްއަކީ ފުލުހުންގެ މުވައްޒަފުންނަށް ޓެކްނިކަލް މައްސަލަތައް ރިޕޯޓުކޮށް، ބަލަހައްޓައި އަދި ހައްލު ކުރުމަށް މަގުފަހިކޮށްދޭ ޕްލެޓްފޯމެއް.
- ނެއިބަހުޑް ސަޕޯޓް ސިސްޓަމަކީ މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ގުޅުންހުރި ހަރަކާތްތައް ހަރުދަނާ ކުރުމަށް ފަރުމާކުރެވިފައިވާ ނިޒާމެއް.
- އޮޕްސް މޮބައިލް އެޕަކީ އާންމު މަސައްކަތުގައި އުޅޭ ފުލުހުންނަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ އެޕްލިކޭޝަނެއް. މި އެޕްގެ ސަބަބުން، ފީލްޑުގައި މަސައްކަތްކުރާ ފުލުހުންނަށް މުހިންމު މައުލޫމާތާއި ވަސީލަތްތައް ފަސޭހައިން ލިބި، މަސައްކަތުގެ ހަލުވިކަމާއި ފެންވަރު މަތިވެގެންދާނެ.
- ޕީއައިއައި ޓީމްސް އެޕްލިކޭޝަނަކީ ފުލުހުންގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ އެޕްލިކޭޝަނެއް. މި އެޕްލިކޭޝަންގައި އަމިއްލަ ޕްރޮފައިލް ބެލެހެއްޓުމާއި ޕޮލިސް ގެޒެޓަށް ވަނުމާއި އެންޑޯޒް ކުރުމާއި އެޕްރޫވްކުރުމުގެ ހިދުމަތް ހިމެނޭ.
- ޕާސަން އޮފް އިންޓްރެސްޓް (ޕީއޯއައި) ޕޯޓަލްއަކީ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައުލޫމާތު ބެލެހެއްޓުމަށް ފަރުމާކުރެވިފައިވާ ސިސްޓަމެއް. މި ސިސްޓަމުން މީހުންނާ ގުޅޭ މައުލޫމާތުތައް އަޕްޑޭޓްކޮށް އަދި ފަސޭހައިން ލިބޭނެ ގޮތް ހަދައިދޭ.
- ޓެކްޓިކަލް އޮޕަރޭޝަން ޕްލެޓްފޯމް (ޓީއޯޕީ) އަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް ބޭނުންތަކަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ ހައްލެއް. މި ޕްލެޓްފޯމުގެ މަގުސަދަކީ ހާލަތު ދެނެގަތުމާއި ވަގުތުން ވަގުތަށް ނިންމުންތައް ނިންމުމުގެ ގާބިލުކަން އިތުރުކުރުން.
މި އާ އަދި އަޕްޑޭޓްކުރެވުނު އެޕްލިކޭޝަންތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މައުލޫމާތު ބަދަލު ކުރުމާއި ކޭސްތައް ބެލެހެއްޓުން ފަދަ ކަންކަން ފަސޭހަވެގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.
އޭގެ އިތުރުން އެ ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ ސަބަބުން ފުލުހުންގެ މަސައްކަތުގެ ފެންވަރު މަތިވެ، ރައްޔިތުންނަށް ދެވޭ ހިދުމަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.