މުނިފޫހިފިލުވުން ދިވެހި ސިނަމާ

"ކަމަނާ" ތާރީހުގެ ތެރެއަށް، ހުރިހާ ޝޯއެއް ހައުސްފުލް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ފިލްމު ކަމަނާގެ ޕޯސްޓަރެއް. މިފިލްމުގެ ޑިމާންޑު ބޮޑުވެ އޮންލައިންކޮށް ޓިކެޓު ވިއްކުން ވަނީ ހުއްޓާލާފައި.

މިހާރު އޮލިމްޕަސް ސިނަމާގައި ދައްކަމުންދާ ދިވެހި ފިލްމު "ކަމަނާ" ގެ ހުރިހާ ޝޯއެއް ހައުސްފުލްވެ އެ ފިލްމު ތާރީހުގައި ލިޔެވިއްޖެ އެވެ.

Ads by MWSC

މިދިޔަ މަހުގެ 27 ގައި ރިލީޒްކުރި "ކަމަނާ" މިމަހު 14 އާއި ހަމައަށް އޮލިމްޕަހުގައި ދައްކާނެ އެވެ. 19 ޝޯވެސް ހައުސްފުލް އެވެ. މިހާރު މިފިލްމުގެ އެއްވެސް ޓިކެޓެއް ލިބޭކަށް ނެތެވެ.

މިއީ ކޮވިޑް-19 އަށްފަހު މިހާ ގިނަ އަދަދެއްގެ ޝޯ ހައުސްފުލްކުރި ފުރަތަމަ ފަހަރެވެ. 2021 ގެ ފަހުން ދިވެހި ފިލްމުތަކަށް އޮތް ތަރުހީބު ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ. ބައެއް ފިލްމުތަކުގެ ފަސް ޝޯވެސް ހައުސްފުލްކޮށް ދެއްކިފައި ނުވެ އެވެ.

"ކަމަނާ" އާއިއެކު ދިވެހި ފިލްމު އިންޑަސްޓްރީ އަލުން ދިރުނުއިރު މިފިލްމުން އެތައް ރެކޯޑުތަކެއް ވަނީ ގާއިމްކޮށްފަ އެވެ. އެގޮތުން ފިލްމެއް އެޅުވުމުގެ ކުރިން 14 ޝޯ ހައުސްފުލް ކުރި ފުރަތަމަ ފިލްމަކީ "ކަމަނާ" އެވެ.

ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފެނިގެން ދަނީ މަރިޔަމް އައްޒަ އަދި ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. މީގެ އިތުރުން މުހިންމު ތަރިންގެ ތެރޭގައި އާމިނަތު ރަޝްފާ (އާޝާ)، މުހައްމަދު މަނިކު، މުހައްމަދު ރަޝީދު (ދަރާބެ) ގެ އިތުރުން ނަތާޝާ ޖަލީލު ހިމެނެ އެވެ.

"ކަމަނާ" އަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. އެފިލްމުގައި ކިޔައިދެނީ ގެވެށި އަނިޔާ ތަހައްމަލު ކުރާ އަންހެނެއްގެ ވާހަކަ އެވެ. ފިލްމުގެ ވާހަކަ ލިޔުނީ އޭގެ މޭކަޕް އާޓިސްޓުގެ ދައުރުވެސް އަދާކުރި ރިޝްފާ އެވެ. ސްކްރީން ޕްލޭ ތައްޔާރު ކުރީ މަހުދީ އަހުމަދު އެވެ. ޑައިރެކްޓު ކުރީ ހުސައިން މުނައްވަރު އެވެ.

"ކަމަނާ" ގެ ޝޯތައް އަތޮޅުތެރޭގެ ރަށްތަކުގައިވެސް މިހާރު ދަނީ ދައްކަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!