މަރުވި 23 އަހަރުގެ ޒުވާނާ މާލެ އައީ މެރަތަން އަކަށް

ރޭ މެންދަމު ހިނގި އެކްސިޑެންޓުގައި ރޭސް ކާރަކުން ޖެހި މަރުވީ މެރަތަން ދުވަން މާލެ އައި ޒުވާނެއް ކަމަށްވާ ހަސަން ސަމާހެވެ.
މައުލޫމާތު ލިބޭ ގޮތުން ލ. އިސްދޫއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ޒުވާނާ އެންމެފަހުން އުޅުނީ މެރަތަންގައި ބައިވެރިވާ މީހުން މެރަތަން އޮންނަ ސަރަހައްދަށް ގެންގޮސްދިނުމުގަ އެވެ. އެކަމުގައި ހަރަކާތްތެރިވަނިކޮށް، ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި އައި ރޭސް ކާރެއްގައި ދުއްވަން އިން ސައިކަލު ޖެހި އޭނާ މަރުވީ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެކްސިޑެންޓް ހިނގާފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ ރޭ މެންދަމު 02:48 ހާއިރު ކަމަށެވެ.
އެކްސިޑެންޓުގައި ސަމާހަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އެގޮތުން އޭނާގެ ބޮލަށާއި މޫނަށް އަނިޔާވިއިރު، ގިނަ އަދަދަކަށް ލޭ ވެސް ހަށިގަނޑުން ބޭރުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މި އެކްސިޑެންޓް ހިނގުމާ އެކު ސަމާހަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ މަރުވެފައި ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
"މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން މީހާ ވަނީ ހައްޔަރުކޮށްފައި. އެއީ 26 އަހަރުގެ ދިވެހި ފިރެހެނެއް،" ފުލުހުންގެ މެސެޖުގައިވެ އެވެ.އެކްސިޑެންޓުގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.





ކޮމެންޓް