ޚަބަރު ސިޔާސީ

ރައީސް އޮފީހުންވެސް ރައީސް މުއިއްޒުއަށް ދެނީ ލަނޑު: މޫކޭ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އާރުޑީސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ)

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކޮންޓެންޓް އުފައްދަން ކޮންމެ މަހަކު ތިން ލައްކަ ރުފިޔާ ހަރަދުކޮށްފައި ބަޔަކު ބައިތިއްބާފައި ތިބޭއިރުވެސް ގައުމީ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ދެއްވީ ލަނޑެއްކަމަށް ވިދާޅުވެ އާރުޑީސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ސަމާސާ ރާގަކަށް މޫކޭ ވަނީ ޑރ. މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެންމެ ފުރަތަމަ އިޝާރާތް ކުރެއްވީ ނިމިގެން މިދިޔަ ގައުމީ ދުވަހާއި ގުޅިގެން ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ޕޯސްޓަށެވެ.

ވިދާޅުވީ ތިން ލައްކަ ރުފިޔާ މަހެއްގެ މައްޗަށް ހަރަދުކޮށް މުވައްޒަފުން ބައިތިއްބާފައި ތިބޭ ޓީމަކުން ތައްޔާރު ކުރި ޕޯސްޓުގައި ދިވެހި ދިދަ ވަނީ އިދިކޮޅަށް ޖަހާފައި ކަމަށެވެ. އަދި ކަޅުއޮއްފުއްމީގެ ކުރެހުމުގައި ރިޔާ ނަގާފައިވަނީ އޭގެ އަސްލާއި އެއްގޮތަށް ނޫންކަމަށްވެސް އޭނާ ވިދާޅުވި އެވެ. މޫކޭ ފާހަގަކުރައްވާފައި މިވާ ޕޯސްޓަށް ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ފާޑު ކިޔަމުން ދާކަން ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަސައްކަތް ކުރައްވަނީ ރައީސް މުއިއްޒުއާއި އިދިކޮޅަށް ކަމަށް ވިދާޅުވެ މޫކޭ ހަޖޫ ޖެއްސެވި އެވެ. ވިދާޅުވީ "ބޮޑުވަޒީރު ޑރ. އަބްދުއްރަހީމް" ގެ އެހީތެރިކަމާއިއެކު ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތް އެމްޑީޕީން ކުރާނެ ކަމަށެވެ.

މޫކޭ މިފަދައިން ވިދާޅުވެފައި މިވަނީ ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ސިނަމާލެ ބްރިޖުގެ އެއް ލޭނު މަދުވެގެން ރައީސް އަބްދުﷲ ޔާމީން، ރައީސް މުއިއްޒު ކީރިތި ކުރެއްވެންދެއް "ބަވައިލި" ކަމަށް ވިދާޅުވުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވަ އެވެ. އަބްދުއްރަޙީމްގެ މި ވާހަކަފުޅާއި ގުޅިގެން މުޅި ސޯޝަލް މީޑިއާގައި ބްރިޖުގެ އެއް ލޭނު މަދުކަމުގެ ވާހަކަ ދައްކަން ފަށައި ރައީސް ޑރ. މުއިއްޒުވެސް މިކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ.

"އެންމެ ފަހުން ސިންގަޕޫރަށް ވަޑައިގެން ސައިކޮލޮޖިސްޓެއް ކަންނޭނގެ ކޮންމެވެސް ބޭފުޅަކު ގެންނަވައިފިޔޯ ބޮލަށް ބޭސް ކުރަން" މަލާމާތުގެ ރާގަކަށް މޫކޭ ވިދާޅުވި އެވެ.

ރައީސް މުއިއްޒު ބޭސް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވި ދަތުރަށް އިޝާރާތް ކުރައްވަމުން މޫކޭގެ ވާހަކަފުޅު ކުރިއަށް ގެންދެވި އެވެ. އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގެ ކަނޑުން ބައެއް ބޭރު ގައުމަކަށް ވިއްކައިލިކަމަށް ބުނެ އިދިކޮޅުގައި އޮވެ ޕީއެންސީން ވާހަކަ ދެއްކިނަމަވެސް މަސްކަނޑުތައް ވިއްކަން އުޅުނީ މި ސަރުކާރުންކަމަށް މޫކޭ ތުހުމަތު ކުރެއްވި އެވެ.

ރާއްޖޭގައި ލޭނު މަސްވެރިކަމަށް ހުއްދަ ދޭން މަސައްކަތް ކުރީ ކަނޑުތައް ވިއްކަން ކަމަށް މޫކޭ ވިދާޅުވި އެވެ. މަސްވެރިކަމާއި ބެހޭ ވަޒީރު މިކަން އިއުލާން ކުރެއްވިތާ މާ ގިނަ ވަގުތެއް ނުވެ އެ ނިންމުން ބަދަލުކުރީ ރައީސް މުއިއްޒުގެ ސަރުކާރުން ނިންމާ އެއްވެސް ނިންމުމެއް ހަރުދަނާ ނުވާތީކަމަށް މޫކޭ ވިދާޅުވި އެެވެ.

"ހަމަ ގަބު ގަމާރު ވެރިކަމެއް އަޅުގަނޑުމެންގެ ކުރިމަތީގަ ތަމްސީލުވަމުން މިޔޮއް ދަނީ"

އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ވަރަށް ބޮޑަށް މަޑުޖެހިފައި އޮތުމަށްފަހު މިދިޔަ މަހުން ފެށިގެން އެޕާޓީން ވަނީ ސިޔާސީ ހަރަކާތްތައް އިތުރުކޮށްފަ އެވެ. ނިމިގެން މިދިޔަ ހަފްތާގެ ތެރޭގައި އެޕާޓީން ވަނީ ފޯރަމްއެއްވެސް ބާއްވައިފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!