ރާއްޖެ-އިންޑިއާ ފަސް ވަނަ ޑިފެންސް ޑައިލޮގް ބާއްވައިފި
ރާއްޖެ އާއި އިންޑިއާ ދެމެދު އަސްކަރީ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ސިލްސިލާކޮށް ބާއްވަމުންދާ ޑިފެންސް ކޯޕަރޭޝަން ޑައިލޮގްގެ 5 ވަނަ ބުރު އިންޑިއާ ގައި ބާއްވައިފި އެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުރާސްފަތި ދުވަހު އާއްމުކުރި ބަޔާނެއްގައި ބުނީ، ވެރިރަށް ދިއްލީގައި ބޭއްވި ޑައިލޮގް ގައި އެ ގައުމުގެ ޑިފެންސް ޑެލިގޭޝަން ލީޑް ކުރެއްވީ ޑިފެންސް ސެކްރެޓަރީ ގިރިދަރް އަރަމާނޭ ކަމަށެވެ.
އަދި ރާއްޖޭގެ ޑެލިގޭޝަން ލީޑުކުރެއްވީ ޗީފް އޮފް ނޭޝަނަލް ޑިފެންސް ފޯސް ޖެނެރަލް އިބްރާހިމް ހިލްމީ ކަމަށެވެ.
ޑިފެންސް މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ދެގައުމުގެ ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
ރާއްޖެ-އިންޑިއާ ގުޅިގެން ކުރިއަށްގެންދާ ޑިފެންސް ކޯޕަރޭޝަންގެ އެކި މަޝްރޫއުތައް ހިންގުން އަވަސްކުރުންވެސް މަޝްވަރާގެ ތެރޭގައި ހިމެނޭ ކަމަށް ޑިފެންސުން ބުންޏެވެ.
އެގޮތުން ބައިލެޓަރަލް މިލިޓަރީ އެކްސަސައިޒްގައި ބައިވެރިވުމާ ބެހޭ ގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު އެވެ.
އަދި ކުރިއަށް އޮތް ތަނުގައި ދެ ގައުމު ގުޅިގެން އަސްކަރީ ތަމްރީނުތަކުގައި ބޭއްވުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރި ކަމަށް ޑިފެންސުގެ ބަޔާނުގައި ބުންޏެވެ.
"ވަރަށް އުފެއްދުންތެރި މަޝްވަރާތަކެއް، ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ މަސްލަހަތުތައް ކުރިއަށް ގެންގޮސް، އިންޑިއާ ކަނޑުގެ ސަރަހައްދަށް ހަމަޖެހުމާއި ތަނަވަސްކަން ގެނެސްދިނުން" އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ.
މި ސަރުކާރުން އިންޑިއާއާ އޮންނަ ގުޅުން ދޭތެރެއަކުން ހީނަރުވި ނަމަވެސް މިހާރު އެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ.
ދާދި ފަހުން އިންޑިއާގެ އެކްސްޗާނަލް މިނިސްޓަރު ޑރ ސުބްރަމަނިއަމް ޖައިޝަންކަރު ވަނީ ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންފަ އެވެ. ރާއްޖެއާއެކު ވަރަށް ގާތްކޮށް މަސައްކަތްކުރެވޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.