ޚަބަރު ސަރުކާރު

ނުރައްކާތެރި ކުށްތައް ހުއްޓުވަން ގައުމުތައް ގުޅިގެން މަސައްކަތްކުރަން ޖެހޭ: އިހުސާން

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ސައިބާކްރައިމް އާއި ޓެރަރިޒަމާއި އެ ކިގައުމުތަކުގެ ތެރޭގައި ހިންގާ ބޮޑެތި ކުށުގެ ނެޓްވޯޓުތަކުން ގުޅިގެން ހިންގާ ކުށްތައް ހުއްޓުވުމަށް ގައުމުތައް އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ޗައިނާގެ ޖިއަންސޫ ޕްރޮވިންސުގައި ކުރިއަށްދާ ގްލޯބަލް ޕަބްލިކް ސެކިއުރިޓީ ފޯރަމުގައި ވާހަކަ ދައްކަމުން މިނިސްޓަރު ވަނީ މިހާރު ދުނިޔޭގެ ކުށްތައް ހިންގާ ގޮތާއި އެކަމުގެ ނުރައްކާތެރިކަން ފާހަގަކޮށްފަ އެވެ. އަދި އެ ކުށްތައް ހުއްޓުވުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރުމުން މުހިންމު ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި ގޮންޖެހުންތައް ހައްލުކުރަން ގުޅިގެން މަސައްކަތްކުރަން ޖެހޭ. މި މަސައްކަތް ވާން ޖެހޭނީ ގައުމުތަކުގެ އިހުތިރާމް އޮންނަ ގޮތަށް، އެކުގައި ޒިންމާވާގޮތަށް އެއް ލަނޑުދަނޑިއެއް ހާސިލްވާ ގޮތަށް ކުރެވޭ މަސައްކަތަކަށް. އަދި އެންމެ ގައުމަކަށް މި މައްސަލަތަކަށް އެކަނި ހައްލެއް ނުގެނެވޭނެ" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތް ދުނިޔެ ޔަގީން ކޮށްދިނުމަށް، ގައުމުތަކުގެ މެދުގައި ހުރި ތަފާތުތައް އެއް ފަރާތްކޮށް، އެއް މަގުސަދެއް ހާސިލް ކުރުމަށް ގައުމުތަކާއި ޖަމާއަތްތަކާއި އަދި އަމިއްލަ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަން މިއަދު މަޖުބޫރުވެފައިވާ ކަމަށެވެ.

އެ ފޯރަމުގައި ވާހަކަދެއްކުމުގެ އިތުރުން، މިނިސްޓަރު ވަނީ  ފޯރަަމްގެ ހަވާސާގެ ތެރެއިން ޗައިނާގެ މިނިސްޓާ ފޯ ޕަބްލިކް ސެކިއުރިޓީ ވަންގް ޝިއާހޮންގް އާއި ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރައްވާފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!