ޕީޖީކަމަށް ކުރިމަތިލި 6 ބޭފުޅެއްގެ ނަން މަޖިލިހަށް ފޮނުވައިފި

ހުސްވެފައިވާ ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ޝައުގުވެރިވެ ކުރިމަތިލެއްވި ހަ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލިހަށް މިއަދު ފޮނުވައިފި އެވެ.
ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން މިރޭ 9:00 ޖަހާއިރު ދައުރުން ބޭރުގައި މަޖިލިހުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ. ޕީޖީގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރަން މަސައްކަތް ކުރުމުން އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިސްތިއުފާ ދެއްވި ނަމަވެސް، އޭނާ މަގާމުން ވަކިކުރަން މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ޖަލްސާއެއް ބާއްވައި ވޯޓު ނަގައި ވަނީ ފާސްކޮށްފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ "ދެން އޮންލައިން" އަށް އެކަން ޔަގީންކޮށްދެއްވާފަ އެވެ. ކުރިމަތިލި ބޭފުޅުންގެ ނަންތައް ހާމަނުކުރި ނަމަވެސް އެ ނަންތައް މަޖިލިހަށް ފޮނުވާފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލައްވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ބޭފުޅުންގެ ތެރޭގައި:
- ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް
- ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް
- ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތު






ކޮމެންޓް