ޚަބަރު

ދިރާސާތަކުން މިސާލުޖައްސަވާ މިނިސްޓަރު ފާހަގަކުރެއްވީ ޕްރައިމަރީ ގްރޭޑްތަކުގެ ނަތީޖާގެ މުހިއްމުކަން!

ޢާއިޝަތު ނުހާ ، ދެން އޮންލައިން
މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގަ ޝަފީއު ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް

ދިރާސާތަކުގެ އަލީގައި މިސާލު ޖައްސަވައި ޕްރައިމަރީ ގްރޭޑްތަކުގެ ނަތީޖާ ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

މިނިސްޓަރު އެހެން ވިދާޅުވީ ހެނދުނު ދަރުބާރުގޭގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ފުރަތަމަ ޖަލްސާގައި ދެއްކެވި ވާހަަކާގަ އެވެ. އެ ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅި ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.

ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެއުމަށް ފެއްޓެވި "ތައިބަ" ޕްރޮޖެކްޓް ފެއްޓެވުމަށް ދެއްކެވި ވާހަކަ އިޝާރާތް ކުރައްވާ ޝަފީއު ވިދާޅުވީ އެ ދުވަހުވެސް ރާއްޖޭގެ ތައުލީމީ ނިޒާމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަތައް ދައްކަވާފައިވާނެ ކަމަށެވެ.

ދަރިވަރުން ކާމިޔާބީ ހާސިލުކުރަމުންދާ ދަނޑިވަޅެއްގައި އެއަށްވުރެ މަތީ ކާމިޔާބީއެއް ހޯދުމަށް ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުންވެސް ވާހަކަ ދައްކަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ނެޝަނަލް އެސެސްމެންޓް އޮފް ލާނިންގެ އިމްތިހާނުތަކުގައި ބައިވެރިވި ދަރިވަރުންނާއި ނަތީޖާގެ ތަފާސްހިސާބުތައް މިނިސްޓަރު ވަނީ ހިއްސާކުރައްވާފަ އެވެ.

ޕްރައިމަރީ ގްރޭޑްތައް ކަމަށްވާ ގްރޭޑް 3 އަދި 6 ގެ ދަރިވަރު އެ އިމްތިހާނު ހެދި 2015, 2017, 2021 އަދި 2024 ގެ ނަތީޖާތައް ތަފާސް ހިސާބުތައް ހިއްސާކުރައްވަމުން ވިދާޅުވީ އެ އިމްތިހާނުގައި ގްރޭޑް 3 ގެ 4700 އެއްހާ ދަރިވަރުންނާއި ގްރޭޑް 6 ގެ 5000 އެއްހާ ދަރިވަރުން ބައިވެރިވި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގްރޭޑް 3 ގެ ހިސާބު މާއްދާގެ ނަތީޖާ 50 އިންސައްތަ ވުރެ ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި އިނގިރޭސި މާއްދާގެ ނަތީޖާ ކޮންމެވެސް ވަރަކަށް ހިފެހެއްޓިފައިވީ ނަމަވެސް ދިވެހި ބަހުގެ ނަތީޖާ ވަރަށް ބޮޑަށް ދަށަށްދާކަން ފާހަގަކުރެއްވި އެވެެ.

އެގޮތުން ދިވެހި މާއްދާއިން ފާސްވާ ނިސްބަތް 40 އިންސައްތައަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގްރޭޑް 6 ގެ ނަތީޖާތަކަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ ހިސާބު ނަތީޖާ 50 އިންސައްތައަށްވުރެ ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި އިނގިރޭސި މާއްދާގެ ނަތީޖާވެސް ގާތްގަނޑަކަށް 50 ޕަސެންޓަށް ވުރެ ދަށަށް ގޮސްފައިވާއިރު ދިވެހި މާއްދާވެސް ހުރީ 50 އިންސައްތަ ވުރެ ދަށަށް ގޮސްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ނަތީޖާތަކުން ހާމަވެގެން ދަނީ އިލްމީ ތަރައްގީ ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ކަމަށެވެ.

"މިއީ ހަގީގަތުގައި އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމެއް. އޭލެވެލް އިން ގިނަ ކުދިން ފާސްކުރަން ބޭނުންވާ ކަމުގައި ވަނީނަމަ އަދި އޯލެވެލްއިން ގިނަ ކުދިން ފާސްކުރަން އަޅުގަނޑުމެން ބޭނުންކަމުގައި ވަނީ ނަމަ. ހަގީގީ ވާހަކަ ދައްކަން ޖެހޭ ހިސާބަކީ ޕްރައިމަރީގެ ގްރޭޑްތައް."

މިނިސްޓަރު ވިދާޅުވީ ޕްރައިމަރީގެ ގްރޭޑްތަކަށް ހޭދަކުރާ ފައިސާގެ އަދަދު ސެކެންޑްރީއަށްވުރެ މަދު ކަމަށާއި ޒަމާނުންސުރެ އެކަމަށް ދެވިފައިވާ އަހަންމިއްޔަތުކަން ވެސް ވަރަށް ކުޑަ ކަމަށެވެ.

"އަރުވަން ބޭނުންވާ ޔަގީންކަމަކީ އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި ލަފާފުޅާއެކުގައި ހާއްސަކޮށް ޕްރައިމަރީ ގްރޭޑްތަކުގެ ނަތީޖާ މަތިކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީއިން ގިނަ ގުނަ މަސައްކަތްތަކެއް ކުރާނެ ކަން."

ޝަފީއު ވިދާޅުވީ ދިވެހިރާއްޖޭގެ 'ކޮންޓެކްސްޓް' ގައި ހެދިފައިވާ ދިރާސާތަކަށް ބަލާލާއިރުގައި ދަރިވަރުން ސެކެންޑަރީ ނަތީޖާއަށް އެންމެ ބޮޑު އަސަރެއް ކުރާ ކަމަކީ ޕްރައިމަރީ ގްރޭޑުތަކުގެ ނަތީޖާ ކަމަށެވެ.

އެގޮތުން އިލްމީ ދިރާސާތަކާއި ޕަބްލިޝްކުރެވިފައިވާ ދިރާސާތަކަށް ބަލާއިރު ހިސާބާއި، ދިވެހި އަދި އިނގިރޭސި ބަސް ހިމެނޭ ގޮތަށް 95 އިންސައްތަ ހިއްސާއެއް ދަރިވަރުންގެ ނަތީޖާއަށް ކުރަނީ ޕްރައިމަރީ ނަތީޖާއިން ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

2022 – 2023 ވަނަ އަހަރުގެ "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތު މިއަހަރު ކުރިޔަށް ގެންދަނީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ. މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން މިދިޔަ އަހަރުގެ އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ގައުމީ ގަދަ 10 ގައި 376 ދަރިވަރުން ހިމެނިފައިވެ އެވެ. އަދި ސާނަވީ އިމްތިހާނުތަކުން ދުނިޔޭގެ ފެންވަރުގައި މަތީ ވަނަ ހޯދި ދަރިވަރުންނާއެކު ޖުމްލަ 441 ދަރިވަރުންނަށް އެ ރަސްމިއްޔާތުގެ އެކި ދަންފަޅިތަކުގައި އިނާމު ލިބިގެންދާނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!