ޚަބަރު އިޖުތިމާޢީ

ހުޅުމާލެ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި މުދަލާއި ތަކެތި ނަގަން ފަށަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހުޅުމާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ހުރި މުދަލާއި ތަކެތި މި މަހު 19 ގެ ކުރިން ނަގަން ވަނީ އަންގާފައި

ހުޅުމާލެ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި މުދަލާއި ތަކެތި ނަގަން ފެށުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

Ads by MWSC

ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އިންޑަސްޓްރިއަލް ޒޯނު ހިމެނޭ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތަކާއި ދުވާރުމަތީގައި ބަހައްޓާފައިވާ ތަކެތި ނަގައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ ފަށާފަ އެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތް އިތުުރަށް ފުޅާކޮށް، ހުޅުމާލޭގެ ދެ ފިޔަވަހީގެ ހުރިހާ މަގުތަކެއްގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި މުދަލާއި ތަކެތި ނެގުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެ ވަނަ ފިޔަވަހީގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި މުދަލާއި ތަކެތި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ނެގުމަށް އެޗްޑީސީން ވަނީ އަންގާފަ އެވެ.

"ދެންނެވުނު މުއްދަތުގެ ތެރޭގައި އެ ތަކެތި ނަގާފައި ނުވާ ނަމަ، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން، އެ ތަކެތި ނެގުމުގެ މަސައްކަތް މި ކޯޕަރޭޝަނުން 20 އަދި 21 ސެޕްޓެމްބަރު 2024 ގައި ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަމެވެ،" އެޗްޑީސީން ބުނެފައިވެ އެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ މަސައްކަތުގެ ތެރޭގައި މުދަލަށް ލިބޭ ގެއްލުމަށް އެޗްޑީސީން ޒިންމާ  ނުވާނެ ކަމުގަ އެވެ.

އެޗްޑީސީން މިހެން ބުނެފައިވާއިރު، ހުޅުމާލޭ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް ނަގަން ނިންމާފައިވާ ކަަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ. މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ މަސައްކަތް ފަށަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނު އަށެއް ޖަހާއިރު ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން ނަގާނީ ގޯޅިތަކުގައި ގަވާއިދާ ހިލާފަށް، ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ކަމަށް ފުލުހުން ބުނެ އެވެ. އެގޮތަށް ނެގޭ އުޅަނދުތައް އެހެން ސަރަހައްދަކަށް ބަދަލު ކުރުމާ އެކު ޓޯކުރާނެ ކަމަށެވެ. އޭގެ އިތުރުން ފުލުހުން ވަނީ ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ވެސް ފަށާފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!