ޖަމިއްޔާތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ، ބޭނުންވާ ވަސީލަތްތައް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ފެށި ދީނީ އިޖުތިމާއީ މަސައްކަތްކުރާ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މިއީ އިސްލާމިކް މިނިސްޓްރީގެ ތާރީހުގައި ޖަމިއްޔާތަކާ އެކުގައި މި ގޮތަށް ބޭއްވޭ ފުރަތަމަ ބައްދަލުވުން ކަމަށެވެ.
މިއަދު ރާއްޖެއަށް ފިކުރީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަކީ މީގެކުރިން ކުރިމަތިވެފައި ނުވާ ފަދަ ބޮޑެތި ގޮންޖެހުންތަކެއް ކަމަށް ވިދާޅުވި އެވެ. އެ ގޮންޖެހުންތަކުގެ ކުރިމަތީގައި ރާއްޖޭގެ އިސްލާމީ ސައްހަ އަގީދާ ހިމާޔަތްކޮށް، ދީނީ އެއްބައިވަންތަކަން ނަގަހައްޓައި އިސްލާމީ ޝަހުސިއްޔަތު ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ހަމައެކަނި ސަރުކާރުން އެކަނި ކޮށްގެން ވާން އޮތް ކަމެއް ނޫން ކަމަށެވެ. މިކަން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ އިސްލާމީ އިޖުތިމާއީ މަސައްކަތްކުރާ އެކި ޖަމިއްޔާތަކާއި ދީނީ ދައުވަތުގައި މަސައްކަތްކުރާ އިލްމުވެރިންނާއި އިސްލާމިކް މިނިސްޓްރީގެ އިތުރުން ކަމާ ގުޅުންހުރި އެހެން މުއައްސަސާތަކާ ގުޅިގެން ކުރެވޭ މަސައްކަތުންކަން ފާހަގަކުރެއްވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި މި މަހާސިންތާގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ޖަމިއްޔާތަަކަށް ކޮށްދެވެން ހުރި ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ ކަމުގަ އެވެ. އަދި ޖަމިއްޔާތަކާ އެކު އެއްބަސްވުންތަކެއް ގާއިމުކުރެވޭނެ ކަމުގަ އެވެ.
"ކުރިއަށް އޮތް ތަނުގައި އެކިއެކި ޖަމިއްޔާތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް މާލީ ގޮތުން ވެސް އެހީތެރިކަން ދެވެން އޮތް މިންވަރަކުން މި ވުޒާރާގެ ފަރާތުން އެހީތެރިކަން އަރުވާނެ ކަމުގެ ފުރިހަަމަ ޔަގީންކަން އަޅުގަނޑު އަރުވަން،" ޝަހީމް ވިދާޅުވި އެވެ.
އެގޮތުން ނަމާދު ކުރުމަށް އަހުލުވެރި ކުރުވަން ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި އެފަދަ ކުދި މަޝްރޫއުތަކަށް ހާއްސަ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގަ އެވެ. އޭގެ އިތުރުން ޖަމިއްޔާތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެހީތެރިކަންދޭނެ ކަމުގަ އެވެ.
ޝަހީމްގެ ވާހަކައިގައި ވަނީ އިސްލާމީ ވަރުގަދަ ޝަހުސިއްޔަތްތަކުން ކުރެއްވި މަސައްކަތްޕުޅުތަކުން ނަމޫނާ ލިބިގަނެ، ގައުމުގައި ހެޔޮ ކަންތައްތައް ދެމެހެއްޓުމަށް މިއަދު މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވާފަ އެވެ.
ތިން ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ބައްދަލުވުމުގައި 70 ޖަމިއްޔާއަކުން 98 މަންދޫބުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި އޮންލައިންކޮށް ބައިވެރިވާ ފަރާތްތައް ވެސް ހިމެނެ އެވެ.