ޚަބަރު ސިޔާސީ

ހުދުމުހުތާރު ކަމެއް ނެތި ވެރިކަން ކުރެވޭނެކަން ރައީސް ގެންދަވަނީ ސާބިތު ކޮށްދެއްވަމުން: ޕީއެންސީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ކޮންގްރެސް ޕާޓީން ބޭއްވި ހަރަކާތެއްގައި ރައީސް: އެ ޕާޓީން ބުނީ ވާދަވެރި މާހައުލެއްގައި ހަމަޖެހުމާ އެކު ވެރިކަން ކުރެއްވޭނެކަން ސާބިތުކޮށްދެއްވަމުން ގެންދަވާ ކަމަށް / ފޮޓޯ:ދެން އިމޭޖްސް

އަނިޔާވެރިކަމާއި ހުދުމުހުތާރުކަން އިސްނުކުރައްވައި ވާދަވެރި މާހައުލެއް ދަމަހައްޓަވަމުން ހަމަޖެހުމާއި ސުލްހަވެރިކަމާ އެކު ވެރިކަން ކުރެއްވޭނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ކޮންމެ ދުވަހަކު ސާބިތުކޮށްދެއްވަމުން ކަމުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފި އެވެ.

Ads by MWSC

ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަމުން އަންނަ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ކޮންގްރެސް ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއް ޕާޓީއަށް ވުރެ ގިނަ ޕާޓީ ބައިވެރިވާ ސިޔާސީ ނިޒާމު ރާއްޖެއަށް ތައާރަފުކުރެވުނުތާ 16 އަަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވިއިރު، ދުސްތޫރީ ގޮތުންނާއި އިދާރީ ގޮތުން ގެންނަން ޖެހޭ މުހިންމު ބޮޑެތި ބަދަލުތަކެއް ހުރިކަން ފާހަގަކުރެވުނު ނަމަވެސް އެފަދަ އިސްލާހުތައް ގެނައުމުގެ މަސައްކަތް އޮތީ ނުކުރެވި ކަމަށެވެ. އެހެންނަމަވެސް ރައީސް ވެރިކަމާ ހަވާލުވެވަޑައިގެން ގެންނަން ޖެހިފައި ހުރި މުހިންމު އިސްލާހުތައް ގެންނެވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

އެ ކަންކަމަކީ ދުރު ރާސްތާގައި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވެ، ދައުލަތުގެ ހިންގުން އިސްލާހުވާނެ ކަންތައްތަކެއް ކަމެއް ދެކޭ ކަމަށެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދިވެހި ދައުލަތުގެ ސިފަތައް ވަރުގަދަކުރައްވައި ހަރުދަނާ ކުރެއްވުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ.

ކޮންގްރެސް ޕާޓީން ބުނި ގޮތުގައި އެ ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާއިރު ސިޔާސީ ނިޒާމުގައި ޒަމާނުއްސުރެ އޮތް ބަދަލު ހިފުމާއި ޒާތީ ރުޅިވެރިކަމާއި ނަފުރަތާއި ހަސަދަވެރިކަމުގެ ނުބައި ދަމިލަ ފިލުއްވައި، އެފަދަ ކަންކަން ނިމުމަކަށް ގެންނެވުމަށް އެމަނިކުފާނު ގެންދަވަނީ ސިޔާސީ ކަންކަމުގައި ދިވެހިންނަށް ރިވެތި ނަމޫނާ ދައްކަވައިދެއްވަމުން ކަމުގަ އެވެ.

"ދައުލަތުގެ މުއައްސަސާތައް ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ވާދަވެރިން ކަސްތަޅު އަޅުއްވައި ގައިދުކުރުމުގެ ސަގާފަތް އެމަނިކުފާނު ނިމުމަކަށް ގެންނަވައި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން މިނިވަންކަމާ އެކު ވާދަކުރުމުގެ ފުރުސަތު ހުރިހާ ސިޔާސީ ޕާޓީތަކަށާއި ލީޑަރުންނަށް ފަހިކޮށްދެއްވި އެވެ،"

އަނިޔާވެރިކަމާއި ހުދުމުހުތާރުކަން އިސްނުކުރައްވައި ވާދަވެރި މާހައުލެއް ދަމަހައްޓަވަމުން ހަމަޖެހުމާއި ސުލްހަވެރިކަމާ އެކު ވެރިކަން ކުރެއްވޭނެކަން ރައީސް ގެންދަވަނީ ކޮންމެ ދުވަހަކު ސާބިތުކޮށްދެއްވަމުން ކަމުގަ އެވެ. ދައުލަތުގެ ހިންގުމަށް ގެންނަވަން ފައްޓަވާފައިވާ އިސްލާހީ ބަދަލުތަކާ ހިފަހައްޓަވަމުން ގެންދަވާ އަހުލާގީ މިންގަނޑުތަކާއި ގެންގުޅުއްވާ ހަރުދަނާ އިގުތިސޯދީ، އިޖުތިމާއީ ސިޔާސަތުތަކާ އެކު ރާއްޖޭގެ ތާރީހުގައި ފެނިގެންދާނީ ޑިމޮކްރަސީގެ މުޅިން އާ ބާބެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

ކޮންގްރެސް ޕާޓީގެ ބަޔާނުގައި ވަނީ ރާއްޖޭގައި ޑިމޮކްރަސީ އާއި ދައުލަތުގެ ހިންގުން ހަރުދަނާ ކުރައްވައި އިސްލާމީ ގިއުގަނޑުގެ ތެރޭގައި ދިވެހިވަންތަ އުސޫލުތަކުގެ މަތީގައި ދިވެހި ދައުލަތް ޒަމާނީ ކުރިއަރާފައިވާ ދައުލަތެއް ބައްޓަން ކުރެއްވުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!