އަމީރުގެ ނުރުހުން ސަރުކާރަށް: މިއީ ޒިންމާދާރު މާލީ ސިޔާސަތު ކުރިއަށް ނެރެންވީ ވަގުތު
މިއީ ޒިންމާދާރު މާލީ ސިޔާސަތު ކުރިއަށް ނެރެންވީ ވަގުތުކަމަށް ވިދާޅުވެ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ނުރުހުން ސަރުކާރަށް އޮއްސާލައްވައިފި އެވެ.
ނިމިގެން ދިޔަ ހަފްތާގައި ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2 އަށް ދަށްކޮށް، އިތުރަށް ޑައުންގްރޭޑް ކުރުމަށް ރިވިއުގެ ހާލަތަށް ގެނެސްފައިވާ އިރު ސަރުކާރުން ވަނީ އިގުތިސާދީ ހާލަތުން އަރައިގަތުމަށް އަޅަން ޖެހޭ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރާނެ ކަމަށް ބުނެފަ އެވެ.
އެކަމާ ގުޅިގެން އަމީރު އެކްސްގައި މިއަދު ވިދާޅުވީ މި ސަރުކާރުގެ ނުކުޅެދުންތެރިކަމުން ބޮއްސުންލާފައިވާ ސަރުކާރުގެ މާލީ ހާލަތު ރަގަޅުކުރަން، އިތުބާރުހިފޭ ރަނގަޅު ސިޔާސަތެއް ސަރުކާރަށް އަދިވެސް ތަންފީޒު ނުކުރެވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
އަދި ސަރުކާރުގެ އަމަލުތައް އަދިވެސް ހުރީ ގޯހުން ގޯހަށް ކަމަށާއި ސިޔާސީ މުވައްޒަފުން އިތުރަށް ނެގުން ނުހުއްޓި ސަރުކާރު ކުންފުނިތަކުން ވެސް ސިޔާސީ މުވައްޒަފުން މަދު ނުވާ ކަމަށް އަމީރު ވިދާޅުވި އެވެ.
އޭގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ކޮރަޕްޝަން އިންތިހާއަށް އިތުރުވެ ސަރުކާރު ފަރާތުން ރޭވިގެން ހިންގޭ ޖަރީމާއެއްގެ ތެރެއިން، މާލީ ނިޒާމު އެއްކޮށް ގަޑުބަޑުކޮށް އިތުބާރު ގެއްލުވާލައިފައިވާ ކަަމަށް އަމީރު ތުހުމަތު ކުރެއްވި އެވެ.
އަމީރު ވިދާޅުވި މިހާރު ވިޔަފާރިތައް އެއްކޮށް އިދަޖެހި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ވެސް އޮތީ ހުއްޓިފައި ކަމަށެވެ.
އެހެންކަމުން މާލީ ޑިސިޕްލިން އަލުން ގާއިމްކުރުމާއެކު ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް (ޕީއެފްއެމް) ހަރުދަނާ ކުރުމާއި، އިންވެސްޓަރުންގެ އިތުބާރު އަލުން ހޯދުމަށް މުއައްސަސާތައް ވަރުގަދަ ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އަމީރު ވިދާޅުވި އެވެ.
"މި ވަގުތު މި ގޮތަށް އަމަލު ނުކުރުމަކީ އިގްތިސާދީ ގޮތުން އިތުރު ނުތަނަވަސްކަމެއް ކުރިމަތިވާނެ ކަމެއް. މޫޑީސް އިން ރާއްޖެ ސީއޭއޭ2 އަށް ދަށްކޮށް، އިތުރަށް ޑައުންގްރޭޑް ކުރުމަށް ރިވިއުގެ ހާލަތަށް ގެނެސްފައި މިވަނީ ރާއްޖޭގެ މުއައްސަސާތަކުގެ ޤާބިލުކަން ދަށްވެ ސަރުކާރު ހިންގުން ދޯދިޔާ ވުމުން. މޫޑީސް ފާހަގަކުރާ ގޮތުގައި’އެކްސްޓަނަލް ވަލްނަރަބިލިޓީސް ތަކާއި ހިރާސްތައް ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ގާބިލްކަން ސަރުކާރުގައި ނެތް. މޫޑީސް ގެ އެސެސްމަންޓުން ދައްކުވައިދެނީ ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމާއެކު ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތައް ބޮޑުތަނުން އިތުރުވި އިރުވެސް އަޅުގަނޑުމެންގެ ބޭރު ފައިސާގެ ރިޒާވް ދަށްވުމުގެ ސަބަބުން ‘ޑިފޯލްޓް ރިސްކް’ އިތުރުވެފައިވާ ކަން." އަމީރު ވިދާޅުވި އެވެ.
އަމީރު އިތުރަށް ވިދާޅުވީ "ފިސްކަލް ޓްރާންސްޕެރަންސީ" ގެއްލި، ހަފްތާއަކު އެއްފަހަރު މާލީ ރިޕޯޓްތައް ޝާއިއުކުރުން ހުއްޓާލުމުން ސަރުކާރުގެ ޚަރަދާއި ރިޒާވް ކުޑަވުމާ ގުޅުން ހުރި ކަންކަމާ މެދު އިތުރު ސުވާލުތަކެއް އުފެދިފައިވާ ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤްބަލު ރައްކާތެރިކުރުމަށްޓަކައި ޒިންމާދާރު މާލީ ސިޔާސަތު ކުރިއަށް ނެރެ، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަށް ސަރުކާރުން އިސްކަންދޭންވީ ވަގުތު." އަމީރު ވިދާޅުވި އެވެ.