Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ރައްޔިތުންގެ މަޖިލިސް

ކުންފުނީގެ ބިލު 10 މިނިޓް ތެރޭ ކޮމިޓީން ފާސްކޮށްފި

ކުންފުނީގެ ބިލު 10 މިނިޓް ތެރޭ ކޮމިޓީން ފާސްކޮށްފި
ކުންފުނީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީން 10 މިނިޓް ތެރޭގައި ފާސްކޮށް މަޖިލިހުގެ ތަޅުމަށް މިއަދު ފޮނުވައިފި އެވެ. ކުންފުނީގެ ގާނޫނަށް ފޭދޫ އުތުރު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އިސްމާއިލް ނިޒާރު ހުށަހަޅުއްވާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި މަޖިލިހުގެ ދައުރުން ބޭރުގައި ބާއްވާ ފުރަތަމަ ހާއްސަ ޖަލްސާގަ އެވެ. އެ ޖަލްސާގައި ވަނީ ބިލުގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.

ކުންފުނީގެ ގާނޫނަށް ހުށަހެޅި ހަތަރު އިސްލާހަކީ:

  • ހާއްސަ އާންމު ޖަލްސާ ބާއްވަން ލިޔުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދިނުން. އަދި 10 ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވުން.
  • ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން ހަތް ދުވަސް ދުވަސް ކުރިން ކުންފުނީގެ މެމްބަރުންނަށް ނޯޓިސް ފޮނުވުން.
  • ގާނޫނުގައި ބަޔާންކޮށްފައި ވީނަމަވެސް އަދި އެހެން ގާނޫނެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގާނޫނެއްގައި ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި އެ ކުންފުންޏެއްގައި މަދުވެގެން ތިބެން ޖެހޭ ޑިރެކްޓަރުންގެ އަދަދު އިތުރުކުރެވުން.
  • ބަޔާންކުރާ އަދަދަށް ޑިރެކްޓަރުން ނެތް ނަމަ އަދި މެނޭޖިން ޑިރެކްޓަރަކު ނެތް ނަމަ ޑިރެކްޓަރުން ނުވަތަ މެނޭޖިން ޑިރެކްޓަރު އައްޔަންކުރަން އެންގުމުގެ ބާރު ރަޖިސްޓްރާއަށް ދިނުން. އެގޮތުން އަންގާތާ 10 ދުވަހުގެ ތެރޭގައި އެ އަދަދަށް ޑިރެކްޓަރުން އައްޔަންކޮށް، ނުވަތަ މެނޭޖިން ޑިރެކްޓަރަކު އައްޔަން ކުރުމާ އެކު އެ މައުލޫމާތު ރަޖިސްޓްރާއަށް ހުށަހެޅުން.
މިއަދު ބޭއްވި ދައުރުން ބޭރުގެ ދެ ވަނަ ހާއްސަ ޖަލްސާގައި ވަނީ ބިލަށް ބަހުސް ކުރުމަށް ފަހު، މަޖިލިހަށް ބަލައިގަނެ، ދިރާސާ ކުރުމަށް އިގުތިސޯދީ ކޮމިޓީއަށް ފޮނުވާފަ އެވެ. ކޮމިޓީގެ ބައްދަލުވުމުގައި ތިނަދޫ ދާއިރާ އުތުރު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވީ ބިލުގެ މަސައްކަތް މިއަދުން މިއަދަށް ނިންމުމަށެވެ. ސައުދުގެ އެ ހުށަހެޅުއްވުމަށް މައްޗަންގޮޅި މެދު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހުމަދު ޒަމީރު ތާއީދުކުރެއްވި އެވެ. އެ ހުށަހެޅުން ފާސްކޮށްފައި ވަނީ ފަސް މެމްބަރުންގެ ވޯޓާ އެކުގަ އެވެ. ތިން މެމްބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިއްބެވި އެވެ. ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް އިދާރީ މޭޒުން އިއްވުމުން ޒަމީރު ވަނީ ބިލު ހުށަހެޅުއްވި ގޮތަށް ކޮމިޓީން ފާސްކުރަން ހުށަހަޅުއްވާފަ އެވެ. އޭނާގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކެނދިކުޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު މުހައްމަދު އަފޫ ހާމިދެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި އަށް މެމްބަރުންގެ އިއްތިފާގުން ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވަނީ ފާސްކޮށްފަ އެވެ. ވުމާ އެކު ބިލާ މެދު ގޮތް ނިންމާނީ ދެން މަޖިލިހުގެ ތަޅުމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް