ޚަބަރު ސަރުކާރު

ގައުމީ ތަރައްގީގެ މާސްޓާ ޕްލޭނެއް 20 އަހަރަށް އެކުލަވައިލަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ކެބިނެޓް ބައްދަލުވުމުގައި ރައީސް މުއިއްޒު

ރާއްޖޭގެ ގައުމީ ތަރައްގީގެ މާސްޓާ ޕްލޭން, ކުރިއަށް އޮތް 20 އަހަރަށް ހެދުމުގެ މަސައްކަތް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

Ads by Hajj Corporation

މިއަދު ރައީސް އޮފީހުން އާންމު ކުރި ވީޑިއޯއެއްގައި ރައީސް ވަނީ މިކަން ހާމަ ކުރައްވައިފަ އެވެ.

ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި މި ޕްލޭން ހެދުމުގެ މަސައްކަތް ކުރަމުންދާއިރު އެކަންކުރާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތަށް ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ކަމާގުޅޭ އެކިއެކި ތަޖުރިބާކާރުންނާއި އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު ރައްޔިތުން އެދޭގޮތަށް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އަދި މި ޕްލޭނަކީ ރައީސް ވަޢުދުވެވަޑައިގެންނެވި ގޮތަށް ޤާނޫނީ ބާރުވެރިކަން ލިބޭ ޕްލޭނަކަށް ހެދުމަށް ހާއްސަކޮށް މި ޕްލޭނަށް ގާނޫނެއްވެސް ހައްދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މިމަސައްކަތް ފަށަން ނިންމީ ކެބިނެޓުގެ ލަފަޔާއި އެކު އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ހުރިހާ ރަށެއްގައި އަދި ކަމާބެހޭ ހުރިހާ ޖަމިއްޔާ ޖަމާއަތްތަކާއި ކުޅިވަރުކުޅޭ ފަރާތްތަކާއި ސިޔާސީ އެކިއެކި ޕާޓީތަކާއި ގައުމުގައި ތިބި ކަމުވޮށިގެންވާ އެކިއެކި ފަރާތްތަކާއެކު ވަރަށް ފުޅާދާއިރާއެއްގައި މި ޕްލޭނާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށްއޮތް 20 އަހަރު ދުވަހަށް ގައުމު އޮންނަންވީ ގޮތް އެމަނިކުފާނު މިހާތަނަށް ހިއްސާކުރައްވަމުން ގެންދަވާފައިވާނެ ކަމަށާއި ބޭނުންފުޅު ވަނީ ރައްޔިތުން ބޭނުންވާގޮތަށް މިކަންކަން ހާސިލު ކުރެއްވުން ކަމުގަ އެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވަން ބޭނުންފުޅު ވަނީ މި މަސައްކަތް ފެށިގެންދާއިރު މިއީ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ ބައިވެރިވުން ލިބިގެން ކުރެވޭ ކަމަކަށް ވެގެންދިއުން ކަމުގައި ރައީސް ވިދާޅުވި އެވެ.

މި ޕްލޭން ހެދުމަކީ ރައީސް މުއިއްޒު ރިޔާސީ ކެމްޕޭނުގެ ތެރޭގައި އަދި އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ ވަރަށް މުހިންމު ތަރައްގީގެ ވައުދެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!