ޒުވާނުންނަށް ފުރުސަތު މަދުކަމުގައި ވިޔަސް, ކުރިއަރަން ލިމިޓެއް ނެތް: ސައީދު
ދިވެހި ޒުވާނުންނަށް ލިބޭ ފުރުސަތުތަކުގެ އަދަދު މަދުވި ނަމަވެސް ކުރިއަރަން "ލިމިޓެއް" އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިފަދައިން ވިދާޅުވީ ކްރިއޭޓިވް އިކޮނޮމީ ފަންޑާއި ފަސް އަހަރުގެ ސްޓްރެޓެޖީ ތައާރަފްކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.
ސައީދު ވިދާޅުވީ ރާއްޖޭގެ ފުދުންތެރިކަން އިތުރު އަދި ތަފާތު ދާއިރާތަކުން ކުރިއަށް ގެންދިއުމަށްޓަކައި ޒުވާނުން, ކްރިއޭޓަރުންގެ ހުނަރު ހުއްޓިގެންވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ސައީދު ވިދާޅުވީކްރިއޭޓާ އިކޮނޮމީއެއް ގާއިމު ކުރުމުގައި ރާއްޖޭގެ ކްރޮސް ބޯޑާ ޓްރާންސްސެކްޝަންތަކާ ފަސޭހަވާނެ ގޮތަކަށް ޒަމާނީ ޕޭމަންޓް ސިސްޓަމްތައް ތައާރަފްކުރުމާ ބެހޭ ގޮތުން ވާހަކަތައް ދެކެވިފައިވާ ކަމަށެވެ. އަދި ޕޭޕަލްގެ ޕްރޮޕޯސަލް ހުށަހަޅާފައިވާއިރު މިދިޔަ އާދިއްތަ ދުވަހު އެންމެ ފަހުގެ މައުލޫމާތު އެ ފަރާތާ ހިއްސާކޮށްފައިވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި ކްރޮސްބޯޑް ޓްރާންސެކްޝަންތަކަށް ޕޭޕާލްއިން ޖާގަ ދޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"ވަރަށް ގިނައިން އަޅުގަނޑު އެބަ ދައްކަން ޔޫޓިއޮބާއާ ވާހަކަ ދައްކަމުންދާ ކަމަށް. މިއީ ނޫސްތަކުގެ ސުރުހީން ޖާގަ ހޯދަން ދައްކާ ވާހަކަތަކެއް ނޫން. "
ސައީދު ވިދާޅުވީ އެއީ ރާއްޖޭގައި އޮންލައިންކޮށް ވިޔަފާރިކުރާ މީހުން އިންތިޒާރުކުރަމުން އަންނަ ކަމެއް ކަމަށެވެ.
މިނިސްޓްރީ މެދުވެރިކޮށް އޮންލައިންކޮށް ވިޔަފާރި ކުރަމުން އަންނަނީ ކިތައް ވިޔަފާރިވެރިންތޯ ބަލާފައިވާ ކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ އިންޓްނެޓްގެ އެކި އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް 400 ވިޔަފާރިވެރިން ވިޔަފާރިކުރަމުން ދާ ކަމަށެވެ. އަދި ރައީސްގެ އިރުޝާދުގެ މަތިން އޭގެ ތެރެއިން ބައެއް ވިޔަފާރިތައް ބަލާލުމަށް ކުރެއްވި ޒިޔާރަތްތައްވެސް ސައީދު ފާހަގަކުރެއްވި އެވެ.
އެމޭޒޯންގައި ލިސްޓް ނުކުރެވިގެން ދިވެހި ވިޔަފާރިވެރިއަކު ދެއްކި ވާހަކައާ ގުޅިގެން އެމޭޒޯންގައި ދިވެހި އުފެއްދުންތަކަށް ޖާގަ ހޯދަން ވާހަކަ ދެއްކުމަށް ރައީސް އިރުޝާދު ދެއްވި ކަމަށް ސައީދު ވިދާޅުވި އެވެ. އަދި އެ މަސައްކަތް ކުރަމުންދާ ކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ.