ފުވައްމުލަކުގައި ދަނޑުވެރިކަން ކުރަން ދިން ބިމުގައި އެހެން މަސައްކަތްތައް ނުކުރަން އަންގައިފި
ޏ. ފުވައްމުލައް ސިޓީގައި ދަނޑުވެރިކަން ކުރުމަށްޓަކައި ދޫކޮށްފައިވާ ބިންތަކުގައި،އެހެން މަސައްކަތް ނުކުރުމަށް އެ ސިޓީ ކައުންސިލުން މިއަދު އަންގައިފި އެވެ.
އެސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުވައްމުލަކު ދަނޑުވެރިން ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ބިން ތަކަކީ ވަގުތީގޮތުން ދޫކޮށްފައިވާ ދަނޑުބިން ތަކެއް ކަމަށެވެ.
އެތަންތަނުގައި އެއްވެސް ފަރާތަކުން ދަނޑުބިންތަކުގައި އިންވަކި ކުރުމުގެ ގޮތުން ފާރު ރޭނުމާއި ފެންސްޖެހުން އަދި ތަނބު ޖެހުން ފަދަ މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ކައުންސިލުން ބުނީ، ދަނޑުބިމުގެ ތެރޭގައި ފަތްކެޔޮގަސްތައް އިންދުމަށް ބޮޑެތި ވަޅުތައް ނުކޮނުމަށާއި ކައުންސިލުގެ ހުއްދައާ ނުލާ ދަނޑުބިންތަކުގައި އެގޮތަށް މަސައްކަތް ކުރަމުންދާ ކަމަށްވާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
މުޅި ދުނިޔެއަށް ވެސް ފެތުރިފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރަށްރަށުގެ ފުޑް ސެކިއުރިޓީ ޔަގީން ކުރުމަށްޓަކައި ދަނޑުވެރިކަމުގެ އުފެއްދުން އިތުރުކުރުމަށް ސަރުކާރުން ވަނީ ދަނޑުވެރިންނަށް އިތުރު ފީއަކާ ނުލާ ބިން ދޫކޮށްފަ އެވެ. އެގޮތުން އެ ޕްރޮގްރާމްގެ ދަށުން ގިނަ ރަށްތަކެއްގައި ވަނީ ދަނޑުވެރިންނަށް ބިން ދޫކޮށްފަ އެވެ.
ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް ވަރަށް ބޮޑަށް ދަށްވެފައިވާ ދަނޑިވަޅުގައި ރަށްރަށުން ދަނޑުވެރިކަން ކުރިއެރުވުމަށް ތަފާތު ގިނަ މަސައްކަތްތައް ވަނީ ފަށާފަ އެވެ. އެގޮތުން ބައެއް ރަށްރަށުގެ ދަނޑުބިމުގެ ކުލީގެ 50 ޕަސެންޓް ކުޑަކުރުމަށް ސަރުކާރުން ވަނީ ނިިންމާފަ އެވެ.