ޚަބަރު ސަރުކާރު

ދަރިވަރުންގެ ހުރިހާ ރިކޯޑުތަކެއް ފެންނާނެ ގޮތަށް ޑިޖިޓަލައިޒް ސިސްޓަމެއް ގާއިމުކުރަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

ސްޓޫޑެންޓް ލޯނު ޕްރޮސެސް ބެލެހެއްޓޭނެ ހަރުދަނާ ރެކޯޑް ސިސްޓަމެއް ނެތް ކަމަށާއި ކުރިއަށް ހަ މަސް ދުވަހުގެ ތެރޭގައި ދަރިވަރުންގެ ހުރިހާ ރިކޯޑުތަކެއް ފެންނާނެ ގޮތަށް ޑިޖިޓަލައިޒް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔަ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

Ads by MWSC

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ސްޓޫޑެންޓް ލޯނުގައި ތައުލީމު ހާސިލުކުރުމަށް ފަހު ލޯނު އަނބުރާ ނުދައްކާ ދަރިވަރުންގެ ކަންކަން މޮނިޓަ ކުރަމުންދާ ކަމަށެވެ. ސްޓޫޑެންޓް ލޯނަށް ފައިސާ އަނބުރާ ދެއްކުމުގައި ރަނގަޅު ނިޒާމެއް ގާއިމުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން އެކަން ރަނގަޅު ކުރުމަށް މިވަގުތު ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ސްޓޫޑެންޓް ލޯން ޕްރޮސެސް ފެށިގެން، ކުދިންގެ އެޕްލިކޭޝަނުން ފެށިގެން ފައިސާ ހަވާލުކުރާ ހިސާބުން އަދި އެ ކުދިންގެ ތައުލީމު ކުރިއަށް ގެންދާ ހިސާބުން އަޅުގަނޑުމެންނަކަށް ނެތް ރެކޯޑް ކީޕިން ސިސްޓަމްއެއް ރަނގަޅު ގާއިމުކުރެވިފައެއް،" މާރިޔާ ވިދާޅުވި އެވެ.

މިނިސްޓްރީން އެ ކަންކަން ބެލުމަށް ގެންގުޅެނީ ގޫގުލް ޝީޓްސް ފަދަ އެއްޗެހި ކަމަށެވެ. ކުރިއަށް ހަ މަސް ދުވަހުގެ ތެރޭގައި ދަރިވަރުންގެ ހުރިހާ ރިކޯޑުތަކެއް ފެންނާނެ ގޮތަށް ޑިޖިޓަލައިޒް ސިސްޓަމެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކަމާ ގުޅިގެން އިތުރަށް މައުލޫމާތު ދެއްވަމުން ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްރަހީމް ހަސަން ވިދާޅުވި ގޮތުގައި ލޯނަށް ފައިސާ ނުދައްކާ ތިން ހާލަތެއްގައި ތިބި ދަރިވަރުން ހިމެނޭ ކަމުގަ އެވެ. ފުރަތަމަ ހާލަތަކީ 2010 ވަނަ އަހަރުގެ ކުރީގެ ހާލަތު ކަމުގަ އެވެ. ރީޕޭ ކުރާ ކަަހަލަ ލޯނެއް އެފަދަ ދަރިވަރެއްގެ އޮންނާނީ ކޮންމެވެސް ޓްރެއިނިން ޕްރޮޖެކްޓެއްގެ ތެރެއިން ކަމުގަ އެވެ. އެފަދަ ދަރިވަރުންނަށް ކުރެވުނު ހަރަދުގެ ވަކި އިންސައްތައެއް ސަރުކާރަށް އަނބުރާ ދައްކަން ޖެހެ އެވެ. އެގޮތަށް ތިބި ދަރިވަރުންގެ ރީޕޭމަންޓްގެ ކަންކަން ބަލަހައްޓައި މޮނިޓަކުރުމުގެ މަސައްކަތް ކުރާނީ މިނިސްޓްރީން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ދެ ވަނަ ހާލަތުގައި ތިބި ދަރިވަރުންނަކީ 2010 ވަނަ އަހަރުން ފެށިގެން ބޭންކްތައް މެދުވެރިކޮށް ސަރުކާރުން ދޫކުރަން ފެށި ލޯނުން ތައުލީމު ހާސިލުކުރި ދަރިވަރުން ކަމުގަ އެވެ. އެގޮތުން އެންމެ ގިނަ ދަރިވަރުން ފައިސާ ދޫކޮށްފައި ވަނީ ބީއެމްއެލް މެދުވެރިކޮށް ކަމުގަ އެވެ. އެ ފައިސާއަކީ ސަރުކާރުގެ ފައިސާ ކަމަށް ވިނަމަވެސް، ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރާނީ ބޭންކުން ކަމުގަ އެވެ.

ތިން ވަނަ ހާލަތަކީ މީރާގެ ޕޯޓަލް މެދުވެރިކޮށް ދޫކުރާ ފައިސާ ކަމަށް ވިދާޅުވި އެވެ. ފައިސާ އަނބުރާ ހޯދުމުގައި އެ އޮތޯރިޓީގެ ރޯލު ވަރަށް ރަނގަޅަށް އަދާކުރަމުންދާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ މި ތިން ހާލަތުގައި ވެސް ފައިސާ އަނބުރާ ދައްކަމުން އަންނަ ގޮތް ބަލަހައްޓަން މިނިސްޓްރީގެ ތެރޭގައި މިނިސްޓަރު އައްޔަންކުރައްވާފައިވާ ރީޕޭމަންޓް ކޮމިޓީއެއް އޮންނަ ކަމަށެވެ. އެ މަސައްކަތް ކުރަމުންދަނީ ސްޓޭޓް މިނިސްޓަރެއްގެ ބެއްލުވުމުގެ ދަށުން ކަމަށެވެ. މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ވިސްނުން ގެންގުޅެމުންދާ ކަމަށާއި މަޝްވަރާތަކަށްފަހު އެ ކަންކަން ހާމަކުރައްވާނެކަން ވެސް ފާހަގަކުރެއްވި އެވެ.

Ads by HDC
  1. ކޮން ފޮނިވާހައެއް ތިދައްކަނީ. ދަރިވަރުން އެތިބީ ކޯހުގެ ފީނުދެއްކިފަ. ފުރަތަމަ އެކަން ނިންމާ.