ދާދި ފަހުން ޕްރޮސިކިއުޓަ ޖެނެރަލް އައްބާސް ޝަރީފް، ބަންޑާރަނައިބު އަހްމަދު އުޝާމް އާ ބައްދަލުކުރައްވައިފި އެވެ.
މިއަދު އެޓާނީ ޖެނެރަލްގެ އޮފީހުގައި ކުރިއަށްދިޔަ އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. ޕީޖީ ވަނީ ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ފުރިހަމަ ކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ބަންޑާރަނައިބާ ހިއްސާކުރައްވާފަ އެވެ.
ބަންޑާރަނައިބު އުޝާމް ވަނީ ޕީޖީގެ މަގާމުގެ ޒިންމާތައް އަދާކުރެއްވުމުގައި، ތެދުވެރިކަމާ އެކު ދެމިހުންނެވުމަށް އައްބާސްއަށް ހިތްވަރު ދެއްވާފަ އެވެ.
ގާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގައި ޕްރޮސިކިއުޓަ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރާން ވާނީ އަދި ބާރުތައް ބޭނުންކުރާން ވާނީ، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއް ނެތި، ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމެއް ނެތި، ތައައްސުބުން އެއްކިބާވެ ހުރެ ބަންޑާރަނައިބު ކަނޑައަޅުއްވާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށެވެ. އެހެންކަމުން ޕީޖީގެ މަސައްކަތް ބައްޓަންކުރާނެ ގޮތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅާ ފަރާތަކީ ބަންޑާރަނައިބެވެ.
އެ ބައްދަލުކުރެއްވުމުގައި ބަންޑާރަ ނައިބު ވަނީ އައްބާސް ޕީޖީގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދަންނަވާފަ އެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު، ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރައްވާފައިވަނީ އިއްޔެ އެވެ.
އައްބާސް އެންމެފަހުން އަދާކުރައްވަމުން ގެންދެވި މަގާމުތަކުގެ ތެރޭގައި ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓަރީ އެފެއާޒް މަގާމާއި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސް އޮތޯރިޓީގެ ގަވަނިންގެ ބޯޑުގެ މެންބަރުކަން ހިމެނެ އެވެ.
އޭގެ ކުރިން އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުގެ މަގާމާއި އަދި ގާނޫނީ ދާއިރާގެ އެކިއެކި މަގާމުތައް ހިމެނެއެވެ. އައްބާސް ވަނީ އޮސްޓްރޭލިއާގެ ޓަސްމޭނިއާ އިން ބެޗްލާ އޮފް ލޯ ހާސިލުކުރައްވާފަ އެވެ.