ބީއެމްއެލްގެ ޗެއާޕާސަންއަށް ހަބީބް އައްޔަންކޮށް، ބޯޑު އެކުލަވާލައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާޕާސަންގެ މަގާމަށް އަހުމަދު އަލީ ހަބީބް އައްޔަންކުރައްވާ, ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު މިއަދު އެކުލަވާލައިފި އެވެ.
ބީއެމްއެލްގެ ބޯޑު އެކުލަވާލީ މިއަދު އެ ބޭންކުންގެ ހާއްސަ، އާންމު ޖަލްސާ (އީޖީއެމް) ގަ އެވެ.
ބީއެމްއެލުން ބުނީ ހަބީބްގެ އިތުރުން އަލީ އިރުފާނާއި މުހައްމަދު ޝާހިދު އެ ބޯޑުގެ ޑިރެކްޓަރުންގެ ގޮތުގައި އަންޔަންކޮށްފައިވާ ކަމަށެވެ.
އެ ބޭންކްގެ ޗެއާޕާސަންގެ މަގާމަށް ހަބީބް އައްޔަންކޮށްފައިވަނީ ހާއްސަ އާންމު ޖަލްސާއަށް ފަހު ބޭއްވުނު ބޭންކުގެ ބޯޑު ބައްދަލުވުމުގައި ކަމަށް ބީއެމްއެލުން ބުންޏެވެ.
ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުން:
- އަހުމަދު ހަބީބު، ނޫވިލާގެ، ސ. ހިތަދޫ
- އަލީ ފާރިސް މުހައްމަދު، ގ. ސިނަމާލެ 3 35-04
- އާދިލް މޫސާ، ފެންއާރު، ބ. އޭދަފުށި
- ޑރ. މަރްޔަމް ސުޒީ އާދަމް، މ. އެމޭޒަން، ކ. މާލެ
- އަލީ އިރުފާން، ޑޭލައިޓްވިލާ، ސ. މަރަދޫފޭދޫ
- މުހައްމަދު ޝާހިދު، ހުޅުމާލެ ފްލެޓް ނަންބަރު 02-2-90
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ 3 ޑިރެކްޓަރުން:
- އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ
- މޫސާ ރަޝީދު، މ. ގަސީމް، ކ. މާލެ
- ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝީން، ކ. މާލެ
ބީއެމްއެލްގެ ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމްކަ މި މަހުގެ 8 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު އެ މަގާމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވީ އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީނެވެ.
ބީއެމްއެލްގެ ސީއީއޯގެ މަގާމުން ކާލް އިސްތިއުފާދެއްވާފައި ވަނީ ބޭންކުގެ ކާޑުތަކުގެ ލިމިޓަށް ބަދަލު ގެންނަން އިދިކޮޅު މައި ޕާޓީ އެމްޑީޕީއާ ގުޅިގެން މާލީ ބަގާވާތެއް ކުރަން އުޅުނުކަމުގެ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށެވެ.
އެ މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ ފަށާފަ އެވެ. އެކަމަކު އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.