ޚަބަރު

އޮސްޓްރޭލިއާއެކު ފުރަތަމަ ސީނިއާ އޮފިޝަލް ޓޯކްސް ބާއްވައި ގިނަ މަޝްވަރާތަކެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފޮރިން މިނިސްޓްރީ ހިންގާ ފަތުހުﷲ ބިލްޑިން/ ފޮޓޯ: ދެން

ދިވެހި ސަރުކާރާއި އޮސްޓްރޭލިއާ ސަރުކާރާ ދެމެދު ބާއްވާ ފުރަތަމަ ސީނިއާ އޮފިޝަލްސް ޓޯކްސް މިއަދު މާލޭގައި ބާއްވައިފި އެވެ.

Ads by STELCO

އެ ބައްދަލުވުން ބާއްވައިފައި ވަނީ މިއަދު މެންދުރު ފޮރިން މިނިސްޓްރީގަ އެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން މިހާރަށްވުރެން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ތަފާތު ދާއިރާތަކާ ބެހޭގޮތުން ދެ ގައުމުގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާތައް ކުރި ކަމަށެވެ. އޭގެ ތެރޭގައި، ވެރިކަން ހިންގުމާއި، ޑިމޮކްރަސީއާއި، ވިޔަފާރީގެ ދާއިރާއާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދިފާޢީ، ސަލާމަތާއި، ތަރައްޤީގެ ދާއިރާ ހިމެނޭ ކަމަށެވެ.

ސީނިއާ އޮފިޝަލް ޓޯކްސްގެ ފުރަތަމަ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީއާއި ޑިފެންސް މިނިސްޓްރީ، ފުލުހުންނާއި، އިކޮނޮމިކް މިނިސްޓްރީ، ހަޔާ އެޑިއުކޭޝަން، ފިނޭންސް މިނިސްޓްރީ އަދި އެންވަޔަރަަމަންޓް މިނިސްޓްރީއާއި ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެލެއްވި އެވެ

އެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އެވެ. އަދި އޮސްޓްރޭލިއާ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ފަސްޓް އެސިސްޓެންޓް ސެކްރެޓަރީ ސާރާ ސްޓޯރީ އެވެ.

Ads by Ooredoo