ބޮލީވުޑް މުނިފޫހިފިލުވުން

ބޫލް ބުލައްޔާ ތިނަކުން ވިދިޔާ އެނބުރި ފްރެންޗައިޒް އަށް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބޫލު ބުލައްޔާ 3 ގެ ޓީޒާ އިއްޔެ ވަނީ އާންމުކޮށްފައި

"ބޫލު ބުލައްޔާ" އަކީ ބޮލީވުޑްގެ ކާމިޔާބު ފްރެންޗައިޒްތަކުގެ ތެރެއިން ފްރެންޗައިޒް އެކެވެ. މީގެ ދެ ފިލްމެއް މިހާތަނަށް ރިލީޒްކޮށްފައިވާއިރު ތިންވަނަ ފިލްމުގެ ޓީޒާ އިއްޔެ ވަނީ ލޯންޗުކޮށްފަ އެވެ.

Ads by STELCO

ފުރަތަމަ ފިލްމުގައި ފެނުނީ އަކްޝޭ ކުމާރް އަދި ވިދިޔާ ބާލާން އެވެ. އޭގެ ފަހުން ދެވަނަ ފިލްމުގައި ފެނުނީ ކިއާރާ އާދުވާނީ، ކާރްތިކް އާރްޔާން އެވެ. ދެވަނަ ފިލްމުގައި ވިދިޔާގެ ރޯލު އަދާކުރީ ތާބޫ އެވެ.

ތިންވަނަ ފިލްމުގެ ޓީޒާ އާންމު ކުރިއިރު "ބޫލު ބުލައްޔާ" ގެ އޮރިޖިނަލް މަންޖުލިކާ ވިދިޔާ އެނބުރި ސްކްރީނަށް އަންނާނެ އެވެ. ތިންވަނަ ފިލްމުގައިވެސް ކާރްތިކް ފެންނާނީ ރޫހު ބާބާގެ ރޯލުންނެވެ. އަދި ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނީ ތްރިޕްތީ ޑިމްރީ އެވެ.

ބޫލު ބުލައްޔާ ރިލީޒް ކުރާނީ މިއަންނަ މަހު އެވެ. މިއީ ހޮރޯ ކޮމެޑީ އެކެވެ. ތިންވަނަ ފިލްމުގައި ހާއްސަ ފެނިލުމަކުން ބަތަލާ މާދުރީ ދިކްޝިތުވެސް ފެންނާނެކަމަށް ރިޕޯޓުތައް ބުނެ އެވެ. މިއީ ކާރްތިކް އާއި ތްރިޕްތީ އެކީގައި ފެންނާނެ ފުރަތަމަ ފަހަރެވެ.

ބޫލު ބުލައްޔާ އާއިއެކު އަންނަ މަހު ބޮޑު ދެ ފިލްމެއް ސިނަމާތަކަށް އަންނާނެ އެވެ. އެއީ ރޯހިތު ޝެއްޓީ ޑައިރެކްޓު ކުރާ އަޖޭ ދޭވްގަންގެ "ސިންގަމް އެގެއިން" އެވެ. މިފިލްމުގައި ދިޕިކާ ޕަދުކޯން، ރަންވީރު ސިންގް، ކަރީނާ ކަޕޫރު ހާންވެސް ފެންނާނެ އެވެ. މީގެ އިތުރުން ހާއްސަ ފެނިލުމަކުން ސަލްމާން ހާންވެސް ފެންނާނެ އެވެ.

ބޫލު ބުލައްޔާ ވިޔަފާރީގެ ގޮތުން ކާމިޔާބީ ހޯދަން މިއީ އުނދަގޫ ދުވަސްވަރަކަށް ވެދާނެ އެވެ. ސަބަބަކީ "ސިންގަމް" އަކީވެސް ކާމިޔާބު ފްރެންޗައިޒް އަކަށް ވެފައި އަންނަ މަހު ރިލީޒް ކުރާ ފިލްމުގައި ސުޕަސްޓާރުންތަކެއް ފެންނާނެތީ އެވެ.

Ads by Allied Insurance