ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ފާހަގަކުރެވޭ އެއް މަންޒިލަށްވާއިރު، ދުނިޔޭގެ އެކި ތަންތަނުގައި ރާއްޖެ "ކޮޕީ ޕޭސްޓް" ކުރުމަކީ ވާދަވެރިކަން އުފެދޭނެ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ރާއްޖެއިން ގެންގުޅެމުން އަންނަ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓާ ދާދި އެެއްގޮތް ޕްރޮޖެކްޓެއް ސައުދީ އަރަބިއްޔާއިން ވަނީ ފަށާފަ އެވެ. އެ ގައުމުން ހިންގަމުން އަންނަ "ދަ ރެޑް ސީ" ޕްރޮޖެކްޓް އެެއްކޮށް ނިމޭއިރު، 50 ރިސޯޓު ހުޅުވުމަށް ވަނީ ނިންމާފަ އެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖުގައި ފައިސަލް ވިދާޅުވީ ދިވެހިރާއްޖެ އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ފާހަގަކުރެވޭ އެއް މަންޒިލް ކަމަށެވެ. އެހެންކަމުން ދުނިޔޭގެ އެކި ތަންތަނުގައި ރާއްޖެ "ކޮޕީ ޕޭސްޓް" ކުރަމުން އަންނަ ކަމަށެވެ. އެކަމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިކަމުގެ ތެރެއިން ވާދަވެރިކަން ވެސް އުފެދޭނެ ކަމަށެވެ.
"ސައުދީ އަރަބިއްޔާގެ ރެޑް ސީ ޕްރޮޖެކްޓް، ވަރަށް ދިވެހިރާއްޖެ އާ އެއްގޮތް ކަހަލަ. އަދި ދިވެހިން މިއަދު އެތާނގައި މަސައްކަތް ވެސް އެބަކުރޭ،" ފައިސަލް ވިދާޅުވި އެވެ.
އެތަނުގެ ބައެއް ހޮޓެލްތަކުގެ މެނޭޖަރުންގެ ގޮތުގަ އާއި އެހެނިހެން ވަޒީފާތަކުގައި ދިވެހިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމުން އެނގެނީ "ހޮސްޕިޓާލިޓީ އިންޑަސްޓްރީ" ގައި ދިވެހިން ކުރިއެރުން ހޯދާފައިވާ މިންވަރު ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަަމަށް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ފަތުރުވެރި ކަމަށް ދިވެހިން މިހާރު ވެސް ބަހައްޓަމުން އަންނަ ޝައުގުވެރިކަމާ އެކު އެ ސިނާއަތުގައި ދިވެހިން އިތުރަށް ކުރިއަރައި ދިއުމަކީ އެންމެ ދެކެން ބޭނުންވާ ދުވަސް ކަމަށެވެ.
"އަޅުގަނޑު ވަރަށް ބޭނުން ޒުވާނުން މީގެ ތެރެއަށް ވަދެ ޓޫރިޒަމް އިންޑަސްޓްރީގައި އިންވެސްޓްކޮށް، އެ ބޭފުޅުންނަކީ މީގެ ފަނަރަ ވިހި އަހަރު ފަހުން ތިން ހަތަރު ރިސޯޓު އޯންކޮށްގެން ތިއްބެވި ބޭފުޅުންނަށް ވާތަން ދެކުމަކީ އަޅުގަނޑުގެ ހުވަފެނެއް،" ފައިސަލް ވިދާޅުވި އެވެ.
ދެ ޖިންސުގެ ޒުވާނުން އެކަމަށް ވިސްނުން ބަހައްޓައިގެން ހިތްވަރާ އެކު މަސައްކަތްކޮށްފި ކަަމަށް ވާނަމަ އެކަމަކީ ކުރެވޭނެ ކަމެއް ކަމަށެވެ. ދިވެހި ޒުވާނުންނަކީ ވަރަށް "ޓެލެންޓެޑް"، ކުރާ ކަމެއްގައި އެކަމަކީ ކޮންމެ ކަމެއް ކަމަށް ވިނަމަވެސް ޝައުގުވެރިކަމާ އެކު ކުރާ އަދި ނަތީޖާއާ ހަމައަށް ވާސިލުވާ ޒުވާނުންކަން ފާހަގަކުރެއްވި އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 53 އަހަރު ވެފައިވާއިރު، މި ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހިންނަކީ ވަރަށް ބުރަ މިންނެތް މަސައްކަތުން އެ ދުވަސް ހޯދާފައި ތިބި ވިޔަފާރިވެރިން ކަމުގަ އެވެ.
އެ ފަރާތްތަކުން 53 އަހަރު ކުރިން ރާއްޖޭގައި އެ މަސައްކަތް ފެށީ ދުނިޔޭގެ ބައެއް އިދާރާތަކުން ތަރައްގީ ނުކުރެވޭނެ ކަމަށް ބުނެފައި ވަނިކޮށް ކަމުގައި ފައިސަލް ވިދާޅުވި އެވެ. އެކަމަކު އެކަން ފެށީ ހުރި ދަތިތަކާ ކުރިމަތިލައިގެން ހިތްވަރާ އެކުގައި ކަމަށާއި އެކަން މިސާލެއްގެ ގޮތުގައި މިއަދުގެ ޒުވާނުން ދެކެން ޖެހޭކަން ފާހަގަކުރެއްވި އެވެ.