Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

ލުބްނާ އެދިވަޑައިގަންނަވަނީ މަސްތުވާތަކެތީގެ ފަރުވާ ނަގާ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދޭން

ލުބްނާ އެދިވަޑައިގަންނަވަނީ މަސްތުވާތަކެތީގެ ފަރުވާ ނަގާ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދޭން
މަސްތުވާތަކެތީގެ ފަރުވާ ނަގާ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ މުހައްމަދު ޒާހިރު އެދިވަޑައިގެންފި އެވެ. ރަށްރަށުގައި ކުށް މަދު ކުރުމަށް ހިންގާ "ސޭފްޓީ އެންޑް ސެކިއުރިޓީ ކޮމެޓީ" އިފުތިތާހު ކުރުމަށް ތިނަދޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލުބްނާ ވިދާޅުވީ ހޯމްލޭންޑް މިނިސްޓްރީ އާ ގުޅިގެން މަސްތުވާތަކެތީގެ ފަރުވާ ނަގާ މީހުންނަށް ވަޒީފާގެ ފުރުސަތު ފޯރުކޮށްދިނުމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭނެ އެންމެ ބޮޑު އެއް ފިޔަވަޅު ކަމަށެވެ. ހޯމްލޭންޑް މިނިސްޓްރީ އަކީ ވަރަށް ގިނަ ދާއިރާތަކެއްގެ ބެލެނިވެރިކަން ކުރާ މިނިސްޓްރީއެއް ކަމަށާއި ސަރުކާރުން އަބަދުވެސް ބޭނުން ވަނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށްކަން ލުބްނާ ފާހަގަކުރެއްވި އެވެ. ރައްޔިތުންނާ ގާތުން މަސައްކަތްކުރަން ޖެހެނީ ރައްޔިތުންގެ އުފާވެރިކަމާއި އަމާންކަމާއި ރައްކާތެރިކަމާ ގުޅިލާމެހިފައި ވަނީ އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއިން ކަމަށް ވާތީ ކަމަށެވެ. ލުބްނާ ވިދާޅުވި ގޮތުގައި މި މަސައްކަތަކީ ހަމައެކަނި ކުށް މަދުކުރުމަށް ކުރާ މަސައްކަތެއް ނޫން ކަމުގަ އެވެ. ކޮންމެ ރަށަކީ ވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ރަށަކަށް ހެދުމަށް ގުޅިގެން މަސައްކަތް ކުރުން ކަމުގަ އެވެ.
"އަޅުގަނޑުމެންނަށް އެކުގައި މަސައްކަތް ކުރެވޭނީ ކައުންސިލް ކަހަލަ އިދާރާއަކާއި އަޅުގަނޑުމެންނާ ގުޅިގެން. ސަރުކާރުގައި ވަރަށް ބައިވަރު ރިސޯސްތައް ހުރޭ. އެ ވަސީލަތްތައް އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރެވޭނީ ކައުންސިލްއަކާ ވުޒާރާއަކާ ގުޅިގެން ތަންފީޒު ކުރަން މަސައްކަތް ކޮށްގެން ކަމަށް މިއަދު އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ،" ލުބްނާ ވިދާޅުވި އެވެ.
މީގެ އިތުރަށް ތިނަދޫ ސިޓީ ކައުންސިލުން މަސްތުވާތަކެތީގެ ފަރުވާ ނަގާ މީހުންނަށް ވަޒީފާގެ ފުރުސަތު ކޮންޓްރެކްޓް އުސޫލުން ފަހިކޮށްދީފައިވާތީ ސްޓޭޓް މިނިސްޓަރު ވަނީ އެ ކައުންސިލަށް ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ. ހޯމްލޭންޑް މިނިސްޓްރީން ވަނީ ގދ. އަތޮޅުގައި ހިމެނޭ އަށް ރަށު ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލާ އެކު ކުށްމަދު ކުރުމާ ބެހޭ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. އެ އެމްއޯޔޫތަކުގެ މަގުސަދަކީ ކުށް މަދުކުރުމަށް ކުރަން ޖެހޭ މަސައްކަތް ދެނެގަތުމާއި ރަށުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހާލަތާ ގުޅޭގޮތުން ހޯމްލޭންޑް މިނިސްޓްރީއަށް ލަފާ ދިނުމެވެ. އަދި ރަށުގެ ކުށް މަދުކުރުމަށް އެ ރަށެއްގެ މާހައުލުގައި ހިމެނޭ ފަރާތްތަކާ އެކު މަސައްކަތް ކުރުމަށް ކޮމެޓީތަކެއް އެކުލަވާލުމެވެ. މި ކޮމެޓީތައް ހޯމްލޭންޑް މިނިސްޓްރީ އާއެކު މަސައްކަތް ކުރަމުންދާއިރު، ކޮމެޓީތަކުގެ މަސައްކަތް ވިލަރެސް ކުރާނީ ކައުންސިލުތަކުގެ ބެލުމުގެ ދަށުންނެވެ. ހުވަދު އަތޮޅު ދެކުނުބުރީގައި އެ މަސައްކަތް ފެށުނު ނަމަވެސް އަމާޒަކީ ރާއްޖޭގެ ހުރިހާ ކައުންސިލަކާ އެކު އެއްބަސްވުންތަކެއް ހަދައި ކޮމެޓީތައް ގާއިމުކުރުން ކަމަށް މިނިސްޓްރީން ބުނެ އެވެ. މި އެއްބަސްވުންތަކާ އެކު، މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އިދާރާއެއްގެ ހިދުމަތްތައް ރަށްރަށުގައި ދިނުމަށް ކައުންސިލުތަކުގެ ގާބިލިއްޔަތުކަން ހުރި މިންވަރަކުން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ހާސިލު ކުރުމަށް ކުރާ މަސައްކަތެއްކަން ވެސް ފާހަގަކުރެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް